ޚަބަރު

ދަނޑުވެރިކަން ކުރުމަށް އިތުރު 5 ރަށެއް ދޫކުރަނީ


ރާއްޖޭގައި ދަނޑުވެރިކަންކުރަން އިތުރު ފަސްރަށެއް ދޫކުރަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެގްރިކަލްޗަރ މިނިސްޓަރ ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް އިތުރު ރަށްރަށް ދޫކުރަން މިހާރު ނިންމަވާފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް އިތުރު 5 ރަށެއް މިމަސައްކަތް ކުރުމަށް ޢިއުލާންކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރުވެސް ރާއްޖޭގައި މީހުން ދިރިނޫޅޭ 50 އަށްވުރެ ގިނަ ރަށްވަނީ ދަނޑުވެރިކަމަށް ދޫކޮށްފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރވަނީ ރާއްޖޭގެ ބިމުގެ މުހިއްމުކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިހާރު ބިމުގެ ބޭނުން ރަނގަޅުގޮތުގައި ނުހިފައިފިނަމަ މުސްތަޤުބަލުގައި މިއީ ކުރިމަތިވެދާނެ ބޮޑު މައްސަލައެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ބިމުގެ ބޭނުން ހެޔޮގޮތުގައި ހިފައި ދަނޑުވެރިކަން ކުރުމުގައިވެސް ބިން ހެޔޮގޮތުގައި ބޭނުންކުރަން މިނިސްޓަރ އެދިވަޑައިގަތެވެ.

ދަނޑުވެރިންގެ ދުވަސް ކުލަގަދަކޮށް ތ.ކަނޑޫދޫގައި އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން ދަނޑުވެރިންނާއި މިދާއިރާއައި ގުޅުންހުރި ފަރާތްތަކަށް ޚާއްސަކޮށްގެން ބޭއްވި ފޯރަމް ފާހަގަކޮށްލެވެއެވެ.