ކުޅިވަރު

ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގެ ކުއަޓަރ ފައިނަލަށް ދީމާ


ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ކެޓަގަރީގެ ކުއާޓަރ ފައިނަލުން ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ ޢަލީ ފުރުސަތު ހޯދައިފިއެވެ. އޮމާންގެ މަސްކަޓްގައި މިހާރު ކުރިއަށްދާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ކެޓަގަރީގެ ކުއާޓަރ ފައިނަލުން ދިމާ ފުރުސަތު ހޯދީ އުޒްބެކިސްތާންގެ ދިޔޯރާ ޓޮޝްޕުލާޓޯ އާއި ޕާކިސްތާންގެ ހޫރު ފަވާދު ބަލިކޮށްގެންނެވެ. ރޫހުގެ މައްޗަށް ދިމާ ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ. އެއީ 11-08 އަދި 11-04އިންނެވެ. ދެވަނަ މެޗްގައި ދީމާ ދިޔޯރާގެ މައްޗަށް ކުރި ހޯދީ 2 ސެޓް 1 ސެޓުންނެވެ. އެއީ 12-10، 11-08 އަދި 11-05 އިންނެވެ.

ކުއާޓާ ފައިނަލުގައި ދީމާ ވާދަކުރާނީ ގަދަ 16 ކުޅުންތެރިންގެ ބުރުގައި އީރާންގެ ޔެކްތާ އަބީދިއާން އާއި އުޒްބެކިސްތާންގެ އާސެލް އަރެކްބައޭވާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މުބާރާތުގެ ވާދަކުރާ އެތުލީޓުންގެ ތެރެއިން 15 އަހަރުން ދަށުގެ ރޭންކް ކެޓަގަރީ އަށް ބަލާއިރު ދީމާ އޮތީ ދެ ވަނައިގައެވެ. ދީމާ ވަނީ މިހާތަނަ އައިޓީޓީއެފްގެ ރޭންކިންގައި 280 ރޭންކް ޕޮއިންޓް ހޯދާފައެވެ. ދުނިޔޭގެ ރޭންކިންގެ މި ވަގުތުގެ ސްޓެޓިސްޓިކްސް އަށް ބަލާއިރު ދީމާ އޮތީ 15 އަހަރުން ދަށުގެ ރޭންކިން ތާވަލުގެ 20 ވަނައިގައެވެ.

ދިމާއަކީ ރާއްޖެއަށް މިހާތަނަށް އެއް މުބާރާތެއްގައި އައިއޯއައިޖީއިން 3 ރަން މެޑަލް ހޯދި ހަމައެކަނި ކުޅުންތެރިޔާއެވެ. 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އޭގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފައެވެ.