ކުޅިވަރު

ނޭޕާލަށް ވުރެއް އިންޑިޔާ ޓީމެއްގެ ގޮތުގައި ވަރުގަދަ - ޗެތުރީ


އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ފައިނަލް މެޗަށް އިންޑިޔާއިން ނުކުންނައިރު ނޭޕާލް ޓީމަށް ވުރެއް އިންޑިޔާ، ޓީމެއްގެ ގޮތުގައި ވަރުގަދަވާނެކަމަށް އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފިއެވެ. މާދަމާ ރޭ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި އިންޑިޔާ އާއި ނޭޕާލް ވާދަކުރާއިރު، މިއީ ފައިނަލްގައި ނޭޕާލް ވާދަކުރާ ފުރަތަމަ ފަހަރުއެވެ. އަދި މިއީ އިންޑިޔާއިން ފައިނަލްގައި ނޭޕާލާއި ވާދަކުރާ ފުރަތަމަ ފަހަރުއެވެ.

ފައިނަލް މެޗްގެ ކުރިން އިންޑިޔާގެ މީޑިޔާއަކަށް ދިން އިންޓަވިއުއެއްގައި އެޓީމްގެ ކެޕްޓަން ސުނިލް ޗެތުރީ ބުނީ އިންޑިޔާ ޓީމަކީ ޓީމެއްގެ ގޮތުގައި ވަރަށް ވަރުގަދަ ޓީމެއްކަމަށާ ނަމަވެސް ނޭޕާލް ޓީމަކީ ވަރަށް ހިތްވަރު ކުރާ ޓީމެއްކަން ފާހަގަ ކުރެވިފައިވާކަމަށެވެ. މިމުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގައިވެސް ނޭޕާލް ޓީމްގެ ފިޓްނަސް ލެވެލް ވަރަށް ރނގަނަޅުކަން ފާހަގަކޮށްލެވެއެވެ. އަދި މިމުބާރާތުގައި އިންޑިޔާ ޓީމުން މިހާތަނަށް ޖާހާފައިވާ ގިނަ ލަނޑުތަކަކީ އެޓީމުން ޓީމެއްގެ ގޮތުގައި ކުޅެގެން ޖަހާފައިވާ ލަނޑުތަކެކެވެ. ޗެތުރީ ބުނީ އިންޑިޔާ ޓީމުގައި އިންޑިވިޖުއަލް މާ މޮޅު ކުޅުންތެރިއެއް ނެތްނަމަވެސް އިންޑިޔާ ޓީމް މޮޅުކަމަށެވެ. ރާއްޖޭގެ ޢަލީ އަޝްފާގަށް އިޝާރާތްކޮށް ޗެތުރީ ބުނީ އަޝްފާގް ކަހަލަ ކުޅުންތެރިއެއް އިންޑިޔާ ޓީމުގައި ނެތްނަމަވެސް އިންޑިޔާ ޓީމަކީ ޓީމުގެ ގޮތުގައި ކުޅެން ބަލާއިރު، އެހެން ޓީމްތަކަށް ވުރެއް ވަރުގަދަ ޓީމެއްކަމަށެވެ. ޑިފެންސާ އެއްވަރަށް ނޭޕާލް ޓީމަކީ އެޓޭކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭ ޓީމެއްކަމަށް އިންޑިޔާގެ ކެޕްޓަން ޗެތުރީ ބުންޏެވެ.

ޗެތުރީ ބުނީ އިންޑިޔާއިން ރާއްޖެއާއި ދެކޮޅަށް ދެއްކި ކުޅުން ފައިނަލްގައި ދެއްކޭނެކަމަށް އުއްމީދު ކުރާކަމަށެވެ. އަދި އިންޑިޔާ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެއް ފެންވަރެއްގައި ހުރިހާ މެޗެއް ނުކުޅެވުންކަމަށާއި ލަނޑު ޖެހުމަށްވެސް މިމުބާރަތުގައި ދިމާވި މައްސަލައަށް ހައްލެއް ލިބުނީ އެންމެ ފަހު މެޗްގައި ރާއްޖެއާއި ދެކޮޅަށް ކުޅުނު މެޗްގައިކަމަށްވެސް އިންޑިޔާގެ ކެޕްޓަން ޗެތުރީ ބުންޏެވެ. ޗެތުރީ ވަނީ އޭނާގެ ސްޓްރައިކް ޕާޓްނަރުގެ ގޮތުގައި އިންޑިއާ ކުރިއަށް ކުޅޭ މަންވީރު ސިންގަކީ އިންޑިއާގެ ގައުމީ ޓީމަށް މުހިއްމު ކުޅުންތެރިއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އުމުރުން 37 އަހަރުގެ ޗެތުރީ އަކީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ ހަތަރު މެޗުން ހަތަރު ގޯލު ޖަހައި ދެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.