ކުޅިވަރު

ރަހީމް ސްޓާރލިން ބޭރުގެ ލީގަކަށް ބަދަލުވުމާމެދު ވިސްނާނީ


އިންގްލިޝް ޕްރިމިއަރ ލިގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް ކުޅޭ ތަޖްރިބާކާރު ފޯވަޑް ރަހީމް ސްޓާރލިންއަށް އެކުލަބުގައި ކުޅެން ލިބޭވަގުތު އިތުރު ނުވާނަމަ ބޭރުގެ ލީގަކަށް ބަދަލުވުމާމެދު ވިސްނާނެކަމަށް އޭނާ ބުނެފިއެވެ. ސްޓަރލިން ބުނީ އޭނާ ކުޑައިރުން ފެށިގެން ބޭރުގެ ލިގެއްގައި ކުޅުމުގެ ހުވަފެން ދެކެމުން އަންނަ ކަމަށެވެ.

ސްޓަރލިންގ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023ގެ ނިޔަލަށެވެ. އުމުރުން 26 އަހަރުގެ ސްޓަރލިންގ ބުނީ ބޭރުގެ ލިގަކުން ފުރުސަތު ލިބޭކަމަށް ވާނަމަ އޭނާ އެކަމަކާއި މެދު ވިސްނާނެކަމަށެވެ. މިވަގުތު އޭނާއަށް އެންމެ މުހިންމީ ފުޓްބޯޅަ ކުޅުން ކަމަށް. މިސީޒަންގައި ސްޓަރލިންގ އަދި މިހާތަނަށް ފުރަތަމަ މެޗަށްފަހު ފުރަތަމަ އެގާރައިގާ ހިމެނިފައިވަނީ އެންމެ ފަހަރަކުއެވެ. ނަމަވެސް އެންމެފަހުން ޕެރިސް ސެއިންޓް ޖަރމެއިން އަތުން ސިޓީ ބަލިވި މުހިންމު މެޗްގައި އޭނާ ވަނީ ފުރަތަމަ އެގާރައިގާ ހިމެނިގެން ކުޅެފައެވެ. ސިޓީއަށް މިސީޒަންގައި ޖެކް ގްރީލިޝް އައުމާއެކު ކުރިއަށް ކުޅޭ ކުޅުންތެރިންގެ މެދުގައި ޖާގަތަކަށް އޮންނަ ވާދަވެރިކަން ވަނީ ވަރަށް ބޮޑު ތަނުން އިތުރު ވެފައެވެ. ނަމަވެސް އެޓީމުގެ ކުރިއަށް ކުޅޭ އެއް ކުޅުންތެރިޔާ ކަމަށްވާ ފެރާން ޓޯރޭޒަށް ލިބިގެންދިޔަ އަނިޔާ އާއި އެކު ސްޓަރލިންގއަށް ކުޅެން ލިބޭ ވަގުތު އިތުރު ވެގެން ދާނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ.

ސްޓަރލިންގ ބުނީ އޭނާއަކީ ކުޅެން ލިބޭ ވަގުތު މަދުވުމުން ޝަކުވާ ކުރާނެ ކުޅުންތެރިއެއް ނޫން ކަމަށާއި ބޭނުންވަނީ ލިބޭ ފުރުސަތުތަކުގެ ބޭނުންކޮށް ގިނަ ލަނޑު ތަކެއް ޖެހުމަށް ކަމަށެވެ. ނަމަވެސް ޔަގީންވާ އެއް ކަމަކީ އޭނާއަށް ފުރަތަމަ އެގާރައިން ގަވައިދުން ޖާގަ ނުލިބޭކަމުގައިވާ ނަމަ އާ އެގްރީމަންޓެއްގައި ސޮއިކުރުމާމެދު އޭނާ ނުވިސްނާނެކަމެވެ.