ކުޅިވަރު

ޕެޑްރީ ބާސެލޯނާގެ އެގްރީމަންޓް އާ ކޮށްފި


ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާއަށް ކުޅޭ ޒުވާން ކުޅުންތެރިޔާ ޕެޑްރީ އެކްލަބާއެކު ހަދާފައިވާ އެގްރީމަންޓް އާކޮށް އެއެގްރީމަންޓްގައި އެއް ބިލިއަން ޔޫރޯގެ ރިލީސް ކްލޯއުސްއެއް ހިމަނައިފިއެވެ. ބާރސާއިން ވަނީ މިކަން ޔަގީން ކޮށްދީފައެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި އުމުރުން 18 އަހަރުގެ ޕެޑްރީ ސޮއި ކުރި މި އެގްރީމަންޓުގެ ސަބަބުން 2026ވަނަ އަހަރުގެ ޖޫން މަހުގެ 30 ގެ ނިޔަލަށް އޭނާ ބާރސާގައި ހުންނާނެއެވެ. ޕެޑްރީ ބާރސާ އާއި ގުޅިފައިވަނީ 2020 ވަނަ އަހަރު ގެ އޯގަސްޓް މަހު ލަސް ޕާލްމާސްއިންނެވެ. އަދި މިދިޔަ ސިޒަންގައި އޭނާވަނީ 53 މެޗް ބާރސާއަށް ކުޅެދީފައެވެ. މިއީ އެންމެ ގިނަ މެޗް މިދިޔަ ސީޒަންގައި ބާރސާއަށް ކުޅެދިން ކުޅުންތެރިޔާއެވެ. ޕެޑްރީވަނީ އެންމެފަން ބޭއްވި ޔޫރޯ 2020ގައިވެސް ސްޕެއިން ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެމުބާރާތުގައި ސްޕެއިން ކުޅުން ހުރިހާ މެޗެއްގެ ފުރަތަމަ އެގާރައިގާ އޭނާ ހިމެނިފައިވެއެވެ. އަދި ނަތީޖާއެއްގެ ގޮތުގައި ޔުއޭފާއިން ހޮވި މުބާރާތުގެ ޓީމުގައި އޭނާ ހިމެނުނެވެ. އަދި އޮލިމްޕިކް ކުޅިވަރު މުބާރާތުން ރިހި މެޑަލް ހޯދި ސްޕެއިން ޓީމުގައިވެސް އޭނާ ހިމެނިފައެވެ.

ބައެއް ފަރާތްތަކުން ބުނީ އެހާބޮޑު ރިލީސް ކްލައުސްއަށް އޮތުމަކީ ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމުގެ އިތުބާރު ދައްކުވައިދޭ ކަމެއްކަމަށެވެ. މިގޮތުން ޕެޑްރީ ކްލަބްގައި ހުންނަން ބޭނުންވާކަން ދައްކުވާދޭއިރު ކްލަބުން އޭނާ ބޭނުންވާކަންވެސް ހާމަކޮށްދޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ހާމަކުރެއެވެ. ނަމަވެސް މިއަދަދާއެކުވެސް ޕެޑްރީއަކީ ބާރސާގައި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއެއް ނޫނެވެ. ނަމަވެސް އޭނާއަށް ކުރިން ލިބުނު ވަރަށް ވުރެ އިތުރަށް އޭނާއަށް ލިބޭނެކަމަށް މަޢުލޫމާތުލިބެއެވެ. އަނެއްބައި ފަރާތްތަކުން ބުނީ ގޮތުގައި ބާރސާއިން ވަނީ އޭނާގެ އުމުރުން ހަގުވުމުގެ ފައިދާ ނަގާފައެވެ. ބާރސާއިން އޭނާ އެހާ ބޭނުންވާކަމަށްވެފައި އެވަރުގެ ރިލީސެއްގައި ކްލައުސް ހިމެނިއިރު ކްލަބްގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާއަށް ނުހެދީ ކީއްވެތޯ ސުވާލު އުފައްދާ ފަރާތްތައްވެސް އުޅެއެވެ. ނަމަވެސް ޕެޑްރީއަކީ އެވަރުގެ ރިލީސް ކްލައުސްއެއް ހިމެނުނު ފުރަތަމަ ކުޅުންތެރިޔާއެއް ނޫނެވެ. ރެއާލް މެޑްރިޑްގެ ކަރިމް ބެންޒިމާގެ އެގްރީމަންޓްގައިވެސް އެއް ބިލިއަން ޔޫރޯގެ ރިލީސް ކްލޯސްއެއް ހިމެނިފައިވެއެވެ.