ޚަބަރު

ތަޙުލީލުތަކަށްފަހު މަޙުމޫދުގެ ހަށިގަނޑު އަނބުރާ ދަނގެއްޗަށް!


އދ.ދަނގެތީ މަރާލާފައި ފަޅުގެއެއްގެ ތެރޭގައި އޮތްވާ ފެނުނު މަޙުމޫދުގެ ހަށިގަނޑު އިތުރު ތަޙުލީލުތަކަށް މާލެ ގެނައުމަށްފަހު އަނބުރާ ރަށަށް ފޮނުވާލައިފިއެވެ.

މަޙުމޫދުގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މަޙުމޫދުގެ ޓެސްޓުތައް ހަދާފައިވަނީ އައިޖީއެމް ހޮސްޕިޓަލްގައެވެ. މަޢުލޫމާތު ލިބޭގޮތުގައި މާލެ ގެސްފައިވަނީ ސީޓީ ސްކޭނެއް ހެދުމަށެވެ.

ޓެސްޓުތަކަށްފަހު މަޙުމޫދުގެ ހަށިގަނޑު ފޮނުވާލީ 10:00ހާއިރުއެވެ. ކަނޑު ގަދަވުމާއި ގުޅިގެން މަޙުމޫދުގެ ހަށިގަނޑު ރަށަށް ގެންދިއުމުގެ މަސައްކަތް ކުރަނީ އެމްއެންޑީއެގްފެ ކޯސްޓްގާޑްގެ އެހީތެރިކަމާއެކުކަމަށް ކައުންސިލުން ވިދާޅުވެއެވެ. މިހާރު ލަފާކުރާގޮތުން ހަށިގަނޑު ދަނގެއްޗަށް ފޯރާނެކަމަށް ލަފާކުރަނީ 13:00ހާއިރުއެވެ.

މަޙުމޫދުގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށްގެންދާނީ ދަނގެތީގައެވެ.

އދ.ދަނގެތީގައި މަރާލާފައި ފަޅުގެއެއްގެ ވަޅަކަށް އެއްލާލާފައި އޮއްވާ މަޙުމޫދުގެ ހަށިގަނޑު ފެނުނީ ގެއްލިގެން ހޯދަމުންދަނިކޮށް އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.

މަޙުމޫދުގެ މަރާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ދަނގެއްޗަށް ފުލުހުންގެ ފޮރެންސިކް ޓީމް ދިޔައީ ރޭ 08:30ހާއިރުއެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނާގޮތުގައި މަހްމޫދުގެ ހަށިގަނޑުގައި، ވަޅިން ހަލަމާދީފައިވާ ނިޝާންތައް ހުއްޓެވެ. އަދި ވަޅުން ނެގިއިރުވެސް ލޭގެ އަސަރު ވަރަށްބޮޑަށް ހުއްޓެވެ. މަޙުމޫދަށް ޙަމަލާދޭން ބޭނުންކުރިކަމަށް ޝައްކުކުރެވޭ ބައެއް ތަކެތިވެސް، އޭނާ އެއްލާލާފައޮތް ވަޅުން ފެނިފައިވާކަމަށްވެއެވެ.

މި މަރުގެ ތަޙުޤީޤާގުޅޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްވެސް ނުވެއެވެ.

ނަމަވެސް މަޙުމޫދު މަރާލިކަމަށް، ރަށުގެ ރައްޔިތުން ޝައްކުކުރާ 3 މީހަކު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ 2 ފިރިހެނުންނާ އަންހެނެކެވެ. މި 3 މީހުން އަދިވެސް ތިބީ ދަނގެތީ ފުލުހުންގެ ބެލުމުގެދަށުގައެވެ.

މިހާތަނަށް ފުލުހުން އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައި ނުވިނަމަވެސް، ރަށުގެ ރައްޔިތުން ބުނަނީ މަޙުމޫދު މަރާލިކަމަށް ބެލެވެނީ ފައިސާ ބޭނުމުގަކަމަށެވެ. އެގޮތުން އޭނާއަކީ ރަށުގައި ގޭހާއި ކާޑުގެ ވިޔަފާރިކުރުމާއި، ޑައިވިންގ 2 ދޯންޏާއި އަދި ކެފޭއެއްވެސް ހިންގާ މީހެކެވެ. ރަށުގެ ރައްޔިތުން ބުނަނީ މަޙުމޫދަކީ ރަށުގެ ރައްޔިތުންނާ ގުޅޭ، ހިތްހެޔޮ އެކުވެރިއެއްކަމަށެވެ. އަދި އެއްވެސް މީހަކާ މައްސަލަޖެހި، ފައިސާގެ މައްސަލައެއްގައިވެސް އުޅޭ މީހުން ނޫންކަމަށް އެ ރަށު ރައްޔިތުން ބުނެއެވެ.

މަޙުމޫދު އެންމެ ފަހުން ފެނުނުކަމަށް ބުނަނީ ބުދަ ދުވަހުގެ ރޭ، ދިވެހިރާއްޖެއާއި އިންޑިއާ ކުޅުނު މެޗު ބެލުމަށްފަހު އޭނާ ހިންގާ ކެފޭއިން ނިކުމެގެން ދަނިކޮށެވެ. އޭނާގެ ހިލަމެއް ނެތްކަން އާއިލާއަށް އެނގުނީ ބުރާސްފަތިދުވަހުގެ ހެނދުނު، އޭނާ ގެއަށް ސައިބޯން ނައުމުންނެވެ.