ޚަބަރު

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި


ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް 2 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ކަނޑުގަދަވެ، ކޮޅިގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރައްވާފައެވެ.

އެހެންކަމުން ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށާއި، ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް ދަތުރާއިބެހޭ މަޢުލޫމާތު އެންގުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރައްވައެވެ.

ކޯސްޓްގާޑުން ވިދާޅުވީ އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި، ޚާއްސަކޮށް ސަލާމަތީގޮތުން ރައްކާތެރިކަންކުޑަ، ކުދި އަނގަމަތި އުޅަނދަފަހަރުގައި ރޭގަނޑު އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އިލްތިމާސްކުރައްވާކަމަށެވެ.

މީގެއިތުރުން މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ޤަވާޢިދުތަކަށް ޢަމަލްކުރުމަށާއި ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ރަނގަޅަށް ބެލެހެއްޓުމަށާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް ކޯސްޓްގާޑުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވީ ކުރިއަށްއޮތް ދެ ދުވަހުވެސް، ޢާއްމުކޮށް ވައިޖެހޭ މިންވަރަށްވުރެ ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. މިއީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފަވާ ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުން މެދުވެރިވާ ކަމެއްކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.