ދުނިޔެ

އީރާނާ ދެކޮޅަށް އެމެރިކާއިން އަނެއްކާ ވެސް ފިޔަވަޅު އަޅަނީ


ހުސްވި އޮކްޓޯބަރު އީރާނުން ކުރި މިސައިލް ޓެސްޓުގެ ސަބަބުން އީރާނާ ދެކޮޅަށް ފިޔަވަޅު އެޅުމާ މެދު އެމެރިކާއިން ވިސްނަމުންދާ ކަމަށް އެމެރިކާގެ ވައިޓްހައުސް އިން ހާމަކޮށްފިއެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ ވައިޓް ހައުސްގެ ތަރުޖަމާނު ޖޯޝް އާރނެސްޓް ވިދާޅުވީ، މި މިސައިލް ޓެސްޓަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާގެ ތަޖުރިބާކާރުން ކަނޑައަޅައިފިނަމަ އީރާނާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް އެމެރިކާއިން ފަސް ނުޖެހޭނެ ކަމަށެވެ.  އެމެރިކާއިން މިހެން ބުނެފައިވަނީ އޮކްޓޯބަރ މަހު އީރާނުން ކުރި މިސައިލް ޓެސްޓަކީ އދގެ ޤަރާރުތަކާ ޚިލާފު ޓެސްޓްތަކެއް ކަމަށް އދން ބުނެފައިވާ ދަނޑިވަޅެއްގައެވެ.މިކަމާ ބެހޭ ގޮތުން އދގެ ރިޕޯޓްގައި ބުނެފައިވަނީ އޮކްޓޯބަރު މަހު އީރާނުން މެދު ރާސްތާ މިސައިލެއް ޓެސްޓްކޮށްފައިވަނީ އެގައުމާ ދެކޮޅަށް އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުތަކާ ޚިލާފަށް ކަމަށެވެ.