ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ މޫސުން ގޯސްވެ ވައިގަދަވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލަރޓް ނެރެފިއެވެ.
މާލެއިން ފެށިގެން ރާއްޖޭގެ އުތުރުގެ ސަރަޙައްދަށް ވަނީ ޔެލޯ އެލަރޓް ނެރެފައެވެ. އަދި މާލެއިން ފެށިގެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށްވަނީ ވައިޓް އެލަރޓް ނެރެފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވީ ކުރިއަށްއޮތް ދެ ދުވަހުވެސް، ޢާއްމުކޮށް ވައިޖެހޭ މިންވަރަށްވުރެ ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. މިއީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފަވާ ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުން މެދުވެރިވާ ކަމެއްކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގަ ވައިޖެހޭނެކަމަށާ، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ދެކުނުގެ ސަރަޙައްދުތަކަށް ޢާއްމުކޮށް ވައިޖެހޭނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށް ލަފާކުރެވޭކަމަށާ، ވިލާގަނޑުގަ ދެކުނަށްވެސް 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
ވައިގަދަވުމާ ގުޅިގެން ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެތީ ސަމާލުވުމަށް މެޓް އޮފީހުންވަނީ އިލްތިމާސްކުރައްވާފައެވެ. ކަނޑުގެ ރާޅުތަކުގެ އުސްމިން 5 ފޫޓާއި 7 ފޫޓާ ދެމެދަށް އުފުލޭނެކަމަށް ލަފާކުރެވޭތީ ކޮންމެހެން ކަނޑުމައްޗަށް ނުކުންނަށްޖެހިއްޖެ ޙާލަތެއްގައި މެނުމީ ކަނޑުމައްޗަށް ނުނުކުތުމަށާއި ކަނޑުދަތުރުކުރާއިރު ޚާއްސަ ސަމާލްކަމެއްދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެއިތުރުން ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިންވެސްވަނީ ވައިގަދަވުމުގެ ސަބަބުން ގޯތިގެދޮރާ މުދަލަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރައްވާފައެވެ. ވައިގަދަވެގެން އެއްލާލަފާނެހެން ދެރަކޮށްހުރި ފުރާޅުތައް، އެއްލައިނުލާނެހެން ރަނގަޅަށް އައްސައި ހިފެހެއްޓޭނެގެން ބެހެއްޓުމާއި ޢިމާރާތްތަކާއި މުދަލަށް ލިބިދާނެ ގެއްލުމަކަށް ސަމާލުވެ ދުރާލައި ފިޔަވަޅު އުޅުމަށްވެސް އެފަރާތުން ވަނީ އިލްތިމާސްކުރައްވާފައެވެ.