ސިޔާސީ

ޓެރަރިޒަމާއި ދެކޮޅަށް މިހާރަށްވުރެ ބޮޑަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ: މިނިސްޓަރ އިމްރާން


ހައްދުފަހަނައަޅާ ދިއުމާއި ޓެރަރިޒަމްގެ ނުރައްކާތެރި ހަމަލާތަކާދެކޮޅަށް މިހާރަށްވުރެ ބޮޑަށް ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ، ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ "ގްލޯބަލް ސެކިއުރިޓީ ފޯރަމް"ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ވަނީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާތަކާއި، އެކަންކަމާއި ދެކޮޅަށް މިހާރަށްވުރެ ރޭވުންތެރިކަމާއި ވިސްނުންތެރިކަމާއެކު ޤައުމުތަކުން މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަކީވެސް މިއަދު ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް ރާއްޖެފަދަ މީސްކޮޅު މަދު، ވަޞީލަތްތައް މަދު ޤައުމަކަށް މިފަދަ ކަންކަމުގެ ނުރައްކާ އިންތިހާއަށް އޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމާދެކޮޅަށް ޤައުމުތައް ގުޅިގެން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމަކީ މުހިއްމުކަމެއްކަމަށްވެސް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. އަދި މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށާއި، ރާއްޖޭން ބޭރުގައި ހިނގާ ހަނގުރަމާތަކުގައި ބައިވެރިވުމަށް ދާ ދިވެހިން އަނބުރާ ޤައުމަށް ގެނެސް އެމީހުން ރިހެބިލިޓޭޓްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ.

މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާ ކޯވިޑުގެ ބަލިމަޑުކަމާއެކު، ހައްދުފަހަނަ އަޅާފައިވާ ޖަމާޢަތްތަކާއި، ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ ނެޓްވޯކްތަކުން، އެމީހުން އޮޕަރޭޓްކުރާ ގޮތްތަކާއި އުޞޫލުތަކަށްވެސް ބަދަލު ގެންނަމުންދާކަމަށް މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢިމްރާން ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެފަދަ ނެޓްވޯކްތަކުން އެކިކަހަލަ އޮންލައިން ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވަޞީލަތްތައް މެދުވެރިކޮށް، މީހުންގެ ވިސްނުމާއި ފިކުރަށް ނޭދެވޭ އަސަރުކުރާފަދަ ޕްރޮޕެގެންޑާތައް ފަތުރާ، މީހުން ރެކްރޫޓްކުރުންފަދަ ކަންކަން ކުރަމުންދާކަމަށާއި، އެމީހުންގެ ހަރަކާތްތަކަށް ފަންޑު ހޯދަން މަސައްކަތް ކުރާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއީ ޤައުމުތަކުން މިހާރަށްވުރެ ބޮޑަށް ފާރަވެރިވެ، ސަމާލުކަން ދޭންޖެހިފައިވާ ވަރަށް މުހިއްމު މައްސަލައެއްކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. މިކަންކަމާއި ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، އަފްޣާނިސްތާނާއި، ސީރިއާ އަދި އިރާޤުފަދަ ޤައުމުތަކުގައި ހިނގަމުންދާފަދަ ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތައް މުޅި ދުނިޔެއަށް އާއްމުވެގެންގޮސްދާނެކަމުގެ ބިރު އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ހައްދުފަހަނައަޅާ ދިއުމާއި ޓެރަރިޒަމްގެ ނުރައްކާތެރި ހަމަލާތަކާދެކޮޅަށް މިހާރަށްވުރެ ބޮޑަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ފޯރަމްގެ ތެރެއިން ޤައުމުތަކަށް ގޮވާލައްވާފައެވެ.


މިމަހުގެ 12 އިން 14 އަށް ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ "ގްލޯބަލް ސެކިއުރިޓީ ފޯރަމް"ގައި ހޯމް މިނިސްޓަރގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއީ ޤައުމުތަކުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއި، ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާ، އަދި އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި މިހާރަށްވުރެ ގުޅުން ބަދަހިކުރުމުގެގޮތުން ދަ ސޫފާން ސެންޓަރާއި، ޤަތަރު އިންޓަރނޭޝަނަލް އެކަޑަމީ ފޯރ ސެކިއުރިޓީ ސްޓަޑީސް އިން އިންތިޒާމްކޮށްގެން ބޭއްވި ފޯރަމަކެވެ.