ރާއްޖޭގައި އޯލެވެލްއާއި އޭލެވެލްގެ ޓޮޕް އެޗީވަރސް އެވޯރޑް ދެއްވުމުގައި ބޭނުންކުރައްވަމުން ގެންދަވާ މިންގަނޑުގެ ތެރެއަށް އޭ ސްޓަރ ހިމަނުއްވައިގެން ކުރިޔަށް ގެންދެވުމަށްޓަކައި އެ މިންގަނޑު މުރާޖަޢާ ކުރައްވަމުން ގެންދަވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ ޢަބްދުﷲ ނަޒީރު ވިދާޅުވީ ރާއްޖޭގައި އޯލެވްލްއާއި އޭލެވްލްގައިވެސް އެންމެ މަތީ މާކްސް ހޯދާ ކުދިން ކަނޑައެޅުއްވުމުގައި ބައްލަވަމުން ގެންދަވަނީ، އިނގިރޭސިވިލާތުގެ އެސެސްމެންޓާއި ގްރޭޑިންތަކަށް ކަމަށެވެ. މި ގޮތުން އެންމެ މަތީ މާކްސް ހޯދާ ކުދިން ކަނޑައެޅުއްވުމުގައި އޭ ސްޓަރ އިނގިރޭސިވިލާތުގައި ދެހާސް ދިހަވަނަ އަހަރުން ފެށިގެން ތަޢާރަފްކޮށް ބޭނުންކުރަމުން އަންނަކަމަށްވެސް ނަޒީރު ފާހަގަކުރެއްވިއެވެ. ސްޓޭޓް މިނިސްޓަރ ނަޒީރު ވިދާޅުވީ އޭލެވެލްއާއި އޯލެވެލްގައި އޭ ގްރޭޑް ހޯދަމުން އަންނަ ކުދިން އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު އޭ ސްޓާރ އާއި އޭ ގްރޭޑް ހޯދާ ކުދިން އެއް މިންގަނޑަކުން ބަލަމުން ދާތީ ބައެއް ބެލެނިވެރިންގެ ޝަކުވާތައް ހުށަހަޅާކަމަށެވެ.އޯލެވެލްއާއި އޭލެވެލްގެ ޓޮޕް އެޗީވަރސް އެވޯރޑް ކަނޑައެޅުއްވުމުގައި އޭ ސްޓަރ ހިމަނުއްވައިގެން އާ މިންގަޑުތަކެއް ކަނޑައެޅުއްވުމަށް ސަރުކާރުން 3 ކަރުދާހެއް އެކުލަވާލައްވައި މުރާޖަޢާކުރައްވަމުން ގެންދަވާކަމަށް ނަޒީރު ވިދާޅުވިއެވެ. ޝޯޝަލް މީޑިއާގައި މީގެތެރެއިން އެއް ކަރުދާސް އާއްމުވެފައިވާއިރު އެ ކަރުދާހަކީ އަދި ވަކިގޮތެއް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވާފައިނުވާ ކަރުދާހެއް ކަމަށްވެސް ނަޒީރު ވިދާޅުވިއެވެ. އަދި މި ކަރުދާސްތައް މުރާޖަޢާ ކުރެއްވުމަށްފަހު ނިންމާ ގޮތަށް ވަރަށް އަވަހަށް ޢާއްމު ކުރައްވާނެ ކަމަށްވެސް ޢަބްދުﷲ ނަޒީރު ވިދާޅުވިއެވެ.