ޚަބަރު

ފައިނަލް މެޗަށްފަހު އަލްމުތައިރީ ނޭޕާލްގެ ކޯޗްކަން ދޫކޮށްލަނީ

ސާފް ޗެންޕިއަންޝިޕްގެ ފައިނަލަށް ފުރަތަމަ ފަހަރަށް ނޭޕާލް ގެންގޮސްދިން ކޯޗް އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ފައިނަލް މެޗަށްފަހު އެޓީމްގެ ކޯޗްކަން ދޫކޮށްލާނެކަން ކުވެއިތުގެ އަބްދުﷲ އަލްމުތައިރީ އިޢުލާންކޮށްފިއެވެ. ސާފް ޗެންޕިއަންޝިޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ނޭޕާލް ދަތުރުކޮށްފައިވަނީ ބަންގްލަދޭޝް އާއި ވާދަކޮށް 1 ލަނޑު 1 ލަނޑުން މެޗް އެއްވަރުކޮށްގެންނެވެ. އެހެން އަހަރުތަކާއި ޚިލާފަށްށް މިއަހަރުގެ ސާޗް ޗެންޕިއަންޝިޕްގެ ކުރިއަށް ގެންދަނީ ލީގް އުސޫލުންނެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ.

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސާފް ޗެންޕިއަންޝިޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ނޭޕާލް ފައިނަލަށް ގެންގޮސްދިން ކޯޗް އަލްމުތައިރީބުނީ މީގެ އެއްމަސްކުރިން ނޭޕާލްގެ ގައުމީ ޓީމްގެ ކޯޗްގެ މަގާމް ދޫކޮށްލާފައިވާކަމަށާއި ނަމަވެސް މިހާރުގެ ކޮންޓްރެކްޓްގައިވާ ގޮތުން މިއަންނަ އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗްއަށްފަހު، ކޯޗްކަމުގެ މަގާމްއިން ވަކިވާނެކަމަށެވެ. އަލްމުތައިރީ ބުނީ ނޭޕާލްގެ ކޯޗްކަމުން ވަކިވާން ޖެހުނު މައިގަނޑު އެއްމެ ބޮޑު އެއްސަބަކީ އެއްވެސް އަސާސެއް ނެތް ކަންތަށްތަކުގައި ބަދުނާމުވާގޮތަށް މަސައްކަތް ކުރާ ބައެއްގެ ތެރޭގައި މަސައްކަތް ކުރަން ބޭނުން ނުވުންކަމަށެވެ. އަދި މިކަމުގެ ސަބަބުން އާއިލާއަށްވެސް އަސަރު ކުރާކަމަށް އަލްމުތައިރީ ބުންޏެވެ. އަދި ނޭޕާލްގެ އެއް މީޑިޔާއަކުން އެއްވެސް އަސާސެއް ނެތް ވާހަކަތަށް ލިޔަނީ ކީއއްވެގެންކަމެއް ހުދޫ އޭނާއަށްވެސް ނޭންގޭކަމަށެވެ.

"އެ މީހުން އެ ނަގަނީ ހަލާލު ފައިސާއެއް ނޫން. އަހަރެން ބުނާނީ އެކަން އެ ގޮތަށް ނުކުރަން. އަހަރެން މެޗު ވިއްކާ ކަމަށް ވެސް ކިޔައިފި. އަހަރެންގެ ދަރިފުޅު އެ ކޮމެންޓްތައް ކިޔާފައި އަހަންނާ ސުވާލުކުރޭ. ކިހިނެއް އަހަރެން އެ އަށް ޖަވާބު ދޭނީ. އެހެންވެ، އަހަރެން ނިންމީ މި މުބާރާތަށް ފަހު އަހަރެން ނޭޕާލަށް ދެނެއް ނުދާނަން. އަހަރެން މިޓީމްއާއި ހަވާލްވީ ތިން ކަމަކަށް ވައުދުވެގެން. އެއީ ވޯލްޑް ކަޕް ކޮލިފައިންގެ ތިން ވަނަ ބުރަށް ނޭޕާލް ގެންގޮސްދިނުން، ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް އެ ޓީމު ގެންގޮސްދިނުން އަދި މުސްތަގުބަލަށް ފެންވަރު ރަނގަޅު ޓީމެއް ބިނާކުރުން. މިހާރު އެ ތިން ކަންތައްތައް ވެސް ފުރިހަމަ ކުރެވިއްޖެ. އަހަންނަކީ މި ވަގުތު ދުނިޔޭގައި އެންމެ އުފަލުން ހުރި މީހާއާ ބުނެވިދާނެ. މިދިޔަ ތިން ދުވަހު އަހަންނަށް ރަނގަޅަށް ނުނިދޭ. ރަނގަޅަށް ނުކެވޭ. އެއީ އަހަންނާ ބެހޭގޮތުން ދައްކާފައި ހުރި ވާހަކަތައް އަހަންނަށް ފެނޭ." މުތައިރީ ބުންޏެވެ.

2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕްގައި ނޭޕާލް ބަލީ ރާއްޖެއާއި ވާދަކޮށް ސެމީ ފައިނަލްގައެވެ.