ކުޅިވަރު

ހިތްދަތި ގޮތަކަށް ބަންގްލަދޭޝް ކަޓުވާލައި، ފުރަތަމަ ފަހަރަށް ނޭޕާލް ފައިނަލަށް


އުރީދޫ ސާފް ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތުން ބަންގްލަދޭޝް ހިތްދަތި ގޮތަކަށް ކަޓުވާލައި، ފައިނަލުން ނޭޕާލް ޖާގަ ހޯދައިފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗު ފެށިއިރުވެސް، ފައިނަލަށް ދިއުމުގެ ފުރުސަތު އޮތީ ނޭޕާލަށެވެ. މެޗު އެއްވަރުކޮށްގެން ވެސް ނޭޕާލަށް ފައިނަލުގެ ޖާގަ ކަށަވަރުވާއިރު، މިމެޗު ނޭޕާލުން ނިންމާލީ 1-1 އިން އެއްވަރުކޮށްގެންނެވެ. ފުރަތަމަ ހާފުގެ 8ވަނަ މިނިޓްގައި ބަންގްލަދޭޝްގެ ސުމޮން ރެޒާ ޖެހި ހިތްގައިމު ގޯލުން ބަންގްލަދޭޝް ވަނީ ލީޑު ނަގާފައެވެ.

މި ލަނޑާއެކު ނޭޕާލުން ވަނީ މެޗުގެ ކޮންޓްރޯލް ނަގައި ގިނަ ހަމަލާތަކެއް ބަންގްލަދޭޝް ގޯލަށް އަމާޒުކޮށްފައެވެ. ފުރަތަމަ ހާފުގައިވެސް ނޭޕާލަށް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބިފައިވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ނޭޕާލުން ފެށީ މުޅި ޓީމު ކުރިއަށް ޖައްސައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށެވެ. ނުރައްކާތެރި ގިނަ ހަމަލާތަކެއް މިހާފުގައި ފެނިގެން ދިޔައިރު، ބަންގްލަދޭޝްއަށް ނޭޕާލްގެ ކުޅުންތެރިން ހުއްޓުވަންވީ އުނދަގޫކަމަކަށެވެ.

މެޗުގެ އޮއިވަރު ބަދަލުކޮށްލީ 86 ވަނަ މިނިޓުގައި އޭރިޔާގެ ބޭރަށް ނިކުމެ ބަންގްލަދޭޝް ކީޕަރު ބޯޅައިގައި އަތްލުމުގެ ސަބަބުން އޭނާއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އެއްކުޅުންތެރިޔަކު މަދުކޮށް ކުޅުނު ނޭޕާލަށް އޭގެ މިނިޓެއްފަހުން ލިބުނު ޕެނަލްޓީއެއްގައި އަންޖަން ބިސްޓާ ކާމިޔާބު ކުރި ލަނޑާއެކު މުބާރާތުގެ ފައިނަލަށް ދިއުމުގެ ޖާގަ ނޭޕާލުން ވަނީ ތަނަވަސްކޮށްފައެވެ.

މިލަނޑާއެކު ނޭޕާލްގެ ކޯޗާއި، ބެންޗުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާގޮތުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމު މުބާރާތުގެ ފައިނަލަށް ދަތުރުކުރާއިރު، ނޭޕާލް ފަނައިލަށް ދިޔައީ ކުޅުނު 4 މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ އެއްމެޗުން ބަލިވެ 7 ޕޮއިންޓާއިއެކުގައެވެ. މެޗުން ބަލިވި ބަންގްލަދޭޝްއަށް މުބާރާތުގައި މޮޅުވެފައިވަނީ ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.

މިއީ ސާފް ޗެންޕިއަންޝިޕްގެ ފައިނަލަށް ނޭޕާލް ދިޔަ ފުރަތަމަ ފަހަރެވެ. މުބާރާތުގެ ފައިނަލްގެ އަނެއްޖާގަ ކަށަވަރުވާނީ މިރޭ ރާއްޖެއާއި، އިންޑިއާ ވާދަކުރާ މެޗަށް ފަހުއެވެ.