ޚަބަރު

ރައްޔިތުން ނުދޭ އިއްޒަތެއް މެމްބަރުންނަކަށްވެސް ނުލިބޭނެ: އިކްރާމް


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިއްޒަތާއި ޝަރަފް ދެނީ ރައްޔިތުން ކަމަށާއި، ރައްޔިތުން ނުދޭ އިއްޒަތެއް މެމްބަރުންނަށްވެސް ނުލިބޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ފައިތުވެދިޔަ ހަފްތާއެއްހާ ދުވަހު މެމްބަރު އިކްރާމާއި ގުޅޭގޮތުން މިޑިއާތަކުގައި ދައުރުވާ ވާހަތަކާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އިކްރާމް ވިދާޅުވީ، މަޖިލީހުގެ މެމްބަރުންނަށް، މަޖިލީހުން ވަކި އިމްތިޔާޒުތަކެއް ކަނަޑައަޅާފައިވާކަމަށެވެ. އިކްރާމް ވިދާޅުވީ ރައްޔިތުންނަށް ކުރަންޖެހޭ ފުރިހަމަ އިހްތިރާމް ކުރައްވާކަމަށާއި ރައްޔިތުންގެ ރުހުމާއި ތާއީދު އޮވެގެން ނޫން ގޮތަކަށް މެމްބަރު ކަމުގައި ނުހެންނެވޭނެކަަމަށް ގަބޫލުކުރައްވާކަަމަށެވެ.

އިކްރާމް ވިދާޅުވީ މިހާރު ކުރިއަށްދާ ސާފް ޗެންޕިއަންޝީޕް ފުޓުބޯޅަ މުބާރާތުގައި މެމްބަރުންނަށް މަޖިލީހުގައި ކަނޑައެޅިފައިވާ އިމްތިޔާޒުތަކުގެ ތެރެއިން މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖެއްސެވުމަށް މަޖިލީހުގެ ރަސްމީ ގްރޫޕްގައި، އެދުނުކަމަށެވެ. އަދޮ މިމެސެޖު އެކި ގޮތްގޮތަށް ދައުރުކޮށް ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ސޯޝަލް މީޑިއާގައި އެތަކެއް މަލާމާތަކާއި ފުރައްސާރައެއް ރައްދުވިކަމަށް އިކްރާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަޖިލިސް މެމްބަރުންނަށް ކޮންމެވެސް ކަހަލަ އިންތިޒާމެއް މެޗު ބެލުމުގައި ހަމަޖެއްސުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި ރަނގަޅު ކަމެކޭ އަޅުގަނޑު ގްރޫޕްގައި ދެންނެވީ. އެކަމަށް އެދުނީވެސް މަޖިލީހުގައި އޮންނަ މެމްބަރުންގެ އިމްތިޔާޒުތަކުގެ ތެރެއިން އެގޮތަށް އެކަން ކޮށްދޭން. ވަކި ޚާއްސަ ގޮތަކަށް ކުރުމަށް ނޭދެން." އިކްރާމް ވިދާޅުވިއެވެ.

ފާއިތުވެދިޔަ ހަފްތާއެއްހާދުވަހު ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން އާއިލާގެ އެތައް ބޭފުޅަކަށްވެސް މިކަމުގެ ހިތްދަތިކަން ލިބުނުކަމަށް އިކްރާމް ވިދާޅުވިއެވެ. އަދި އައިލާގެ ބޭފުޅުންވެސް ފޯނުން ގުޅައި ވަރަށް ދެރަވެގެން މިކަމުގައި ވާހަކަ ދެއްކެވިކަމަށާއި، ކަމުގެ ހަގީގަތް އޮޅޭގޮތަށް މީޑިއާތަކުންވެސް ޚަބަރު ފެތުރަކީ ޒިންމާދާރުކަން ކުޑަކަމެއްކަމަށް އިކްރާމް ވިދާޅުވިއެވެ. އަދި މިވާހަތައް މިހާ ވަރަށް ދެކެވެމުންދިޔައިރު އޭނާގެ ބަހެއް މިހާތަނަށް ހޯދައި ޚަބަރެއް ގެނެސްދިނީ މިއަދު ކަމަށްވެސް އިކްރާމް ފާހަގަ ކުރެއްވިއެވެ.

އިކްރާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ދޭތެރޭގައި އާއްމުން ރަނގަޅަށް ނުދެކޭކަމީ ހަގީގަތެއް ކަމަށެވެ. އެއީ ރައްޔިތުންގެ ހައްގުގައި ކިތަންމެ ރަނގަޅު މަސައްކަތްތަކެއްގައި ދެމިހުންނެވިއަސް އެކަން އޮތް ގޮތް ކަމަށްވެސް އިކްރާމް ވިދާޅުވިއެވެ. އަދި އޭނާއަކީ އެއްވެސް ހާލަތެއްގައި ރައްޔިތުންނަށްވުރެ މައްޗަށް ނުވަތަ ރައްޔިތުން ނުދޭ އިއްޒަތެއް ބޭނުންވާ މީހެއް ނޫންކަމަށާއި، އަދި އެފަދަ އިއްޒަތެއް ލިބިފައިވާ މީހެއް ނޫންކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ އެއްވެސް ބޭފުޅަކު އަމިއްލަ މަޝްހޫރުކަމާއި މަގުބޫލުކަން ހޯދުމަށް އެހެން ބޭފުޅުންގެ އިއްޒަތާއި ކަރާމާތް ގެއްލޭ ގޮތަށް މަސައްކަތް ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށާއި، އެކަމުން ފިތުނަ ފަސާދަ އުފެދުން ނޫންކަމެއް ނުވާނެކަމަށެވެ. އަދި މިއީ އެންމެ ޒިންމާ ދާރު ގޮތްވެސް ނޫންކަމަށް އިކްރާމް ވިދާޅުވިއެވެ.