ޚަބަރު

ވިލާތުން އަފްޣާނިސްތާނަށް އެއް ބިލިޔަން ޔޫރޯ ދިނުމަށް ވަޢުދުވެއްޖެ


އެހީގެ ގޮތުގައި ވިލާތުގެ އިއްތިޙާދުން އަފްޣާނިސްތާނަށް އެއް ބިލިޔަން ޔޫރޯ ދިނުމަށް ވަޢުދުވެއްޖެއެވެ.

ވިލާތުގެ އިއްތިޙާދުން އަފްޣާނިސްތާނަށް އެއް ބިލިޔަން ޔޫރޯ ދިނުމަށް ވަޢުދުވެފައިވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 20 ޤައުމުގެ އެންމެ އިސްވެރިންގެ ކުއްލި ބައްދަލުވުމެއްގައެވެ. އެ ގޮތުން ވިލާތުގެ އިއްތިޙާދުން ބުނެފައިވަނީ އެހީގެ ގޮތުގައި އެއް ބިލިޔަން ޔޫރޯ ދިނުމަށް ނިންމީ ބޮޑު އިންސާނީ ކާރިޘާއަކުން އަފްޣާނިސްތާން ސަލާމަތްކޮށް އަޑިއަޅާލާފައިވާ އެ ޤައުމުގެ އިޤްތިޞާދު އާރާސްތުކުރުމަށްކަމަށެވެ. ވިލާތުގެ އިއްތިޙާދުން ދޭން ނިންމި އެއް ބިލިޔަން ޔޫރޯގެ ތެރޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު 250 މިލިޔަން ޔޫރޯ ކަނޑައަޅާފައިވެއެވެ. އަފްޣާނިސްތާނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 300 މިލިޔަން ޔޫރޯ ދިނުމަށް އެ އިއްތިޙާދުން މީގެ ކުރިންވަނީ ވަޢުދުވެފައެވެ.

ވިލާތުގެ އިއްތިޙާދުން ބުނެފައިވަނީ އަފްޣާނިސްތާނަށް ދިނުމަށް ކަނޑައަޅާފައިވާ އެއް ބިލިޔަން ޔޫރޯގެ އެހީ ފޯރުކޮށްދޭނީ އެ ޤައުމުގައި ޤާއިމުވެގެން ތިބޭ ބައިނަލްއަޤްވާމީ އެހީތެރިކަން ފޯރުކޮށްދޭ ޖަމުޢިއްޔާތައް މެދުވެރިކޮށްކަމަށެވެ. އަދި އެ ކަމުގައި އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތާ މުޢާމަލާތް ނުކުރާނެކަމަށްވެސް ވިލާތުގެ އިއްތިޙާދުންވަނީ ބުނެފައެވެ. އަފްޣާނިސްތާނުގެ ޠާލިބާނުންގެ ވެރިކަން ބަލައިގަތުމަށް ވިލާތުގެ އިއްތިޙާދުންވަނީ ދެކޮޅުހަދައިފައެވެ.

އެހީގެ ގޮތުގައި ވިލާތުގެ އިއްތިޙާދުން އަފްޣާނިސްތާނަށް އެއް ބިލިޔަން ޔޫރޯ ދިނުމަށް ވަޢުދުވެފައިވަނީ އެ ޤައުމުގެ ވެރިކަމާ ޠާލިބާނުން ޙަވާލުވުމުން ޤައުމުން ބޭރުގައި ހުރި އެ ޤައުމުގެ ފައިސާއާއި މުދާ ހިފަހައްޓާފައިވާ ދަނޑިވަޅެއްގައެވެ.