ވިޔަފާރި

މިދިޔަމަހު އެތެރެކުރި މުދަލުގެ އަގު 90 އިންސައްތަ އިތުރު


މިދިޔަ އަހަރު ސެޕްޓެމްބަރުމަހު ރާއްޖެއަށް އެތެރެ ކުރެވުނު މުދަލާއި އަޅާބަލާއިރު، މިދިޔަ ސެޕްޓެމްބަރުމަހު އެތެރެކުރި މުދަލުގެ އަގު 90 އިންސައްތަ އިތުރުކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ރާއްޖެ އެތެރެކޮށްފައިވަނީ 1.9 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް ފާއިތުވި ސެޕްޓެމްބަރުމަހު މިއަދަދު ވަނީ 3.6 ބިލިއަނަށް އިތުރުވެފައެވެ. މިއާއި އެކު ދައުލަށް ލިބުނު އާމްދަނީވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިދިޔަ އަހަރު ސެޕްޓެމްބަރުމަހު މުދާ އެތެރެކޮށްގެން ދައުލަތަށް ލިބިފައިވަނީ 119 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރު މިމުއްދަތުގައި 281 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. މިއީ 137 އިންސައްތައިގެ އިތުރުވުމެކެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައުލަތަށް މުދާ އެތެރެކުރެވުނު ނިސްބަތް އިތުރުވި ނަމަވެސް، އެކްސްޕޯޓު ސެޕްޓެމްބަރުމަހު އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ ދަށްވެފައެވެ. އެގޮތުން ފާއިތުވި އަހަރު ސެޕްޓެމްބަރު މަހު 378 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރެވުނުއިރު، މިއަހަރު މިމުއްދަތުގައި ބޭރުކުރެވިފައިވަނީ 328 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 13 އިންސައްތައިގެ ދައްވުމެކެވެ.

މިދިޔަމަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، ޗައިނާ، ޔޫ.އޭ.އީ އަދި އިންޑިއާއެވެ. އޮމާންއިން 603 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާއިން 441 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 434 މިލިއަން ރުފިޔާގެ މުދާ އަދި ޔޫ.އޭ.އީ އިން 418 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު އެތެރެކޮށްފައެވެ.

މިދިޔަމަހު ރާއްޖެއަށް ޕްރޮސެސްކުރެވުނު ޑިކްލަރޭޝަންއާއި ރާއްޖެއިން ފުރާފައިވާ އުޅަނދުފަހަރުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. މިއަހަރުގެ ސެޕްޓެމްބަރ ރާއްޖެއަށް ޕްރޮސެސްކުރެވުނު ޑިކްލަރޭޝަންގެ އަދަދަކީ 16458 އެވެ. 2020 ވަނަ އަހަރު މިއަދަދު އުޅުނީ 10231 ގައެވެ. މިދިޔަ މަހު ރާއްޖެއިން ބޭރުން އައިސްފައިވާ އުޅަނދުގެ އަދަދަކީ 103 އެކެވެ. އަދި ރާއްޖެއިން ފުރާފައިވަނީ 130 އުނޅަދުކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.