ކުޅިވަރު

ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ޑެންމާކް


މިއަންނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވާރލްޑް ކަޕުން ޑެންމާކް ޖާގަހޯދައިފިއެވެ. ޑެންމާކް ވާރލްޑް ކަޕުން ޖާގަހޯދީ ވާރލްޑް ކަޕް ކޮލިފައިންގ ޔޫރަޕް ސަރަހައްދުގެ ގްރޫޕް އެފްގައި އޮސްޓްރިއާ އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށް އަށް މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ.

މިގްރޫޕްގައި މިހާރު ބާކީ ދެމެޗް ކޮންމެ ޓީމަކަށް އޮތް އިރު ޑެންމާކް އާއި އަރާ ހަމަކުރެވޭނެ އެހެން ޓީމެއް ނެތެވެ. އެންމެ ގާތުން ވާދަކުރާ ސްކޮޓްލަންޑަށްވެސް ލިބިފައިވަނީ އަށް މެޗުން 17 ޕޮއިންޓެވެ. ރޭގެ މެޗް އޮސްޓްރިއާ އާއި ބައްދަލުކޮށް ޑެންމާކް ކާމިޔާބުކޮށްފައިވަނީ އެއްލަނޑު ސުންލަނޑުންނެވެ. މިގްރޫޕްގައި ޑެންމާކް މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވަނީ މޮޅުވެފައެވެ. މިމެޗްގައި ޑެންމާކުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހާދިނީ ޔޯކިމް މައެހްލަރއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓީމްގެ ކެޕްޓަން ސައިމަން ކިޔަރ ހާމަކުރިގޮތުގައި ވާރލްޑް ކަޕަށް ކޮލިފައިވުމަށްފަހު މިޓީމަށް އަދި ގިނަ ކާމިޔާބީތަކެއް ހޯދާވަރަށް ކުރިއަށް ދެވިދާނެކަމަށެވެ. އަދި ޓީމްގެ ތެރޭގައި އޮތީ ވަރަށް ވަރުގަދަ ރޫހެއް އަށަގަން ފައިކަމަށާއި އަދި ކުޅުންތެރިންގެ މެދުގައި އޮތް ގުޅުންވެސް ވަރަށް ބަދަހި ކަމަށެވެ. އެންމެ ފަހުން ޔޫރޯ މުބާރާތުގައިވެސް ޑެންމާކްވަނީ މޮޅު ކުޅުމެއް ދައްކާ އެމުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައެވެ.