ކުޅިވަރު

ވާރލްޑް ކަޕް ކޮލިފައިން: ތާވަލްގެ އެއްވަނަ ޕޯޓުގަލް


ވާރލްޑް ކަޕް ކޮލިފައިންގ ޔޫރަޕް ސަރަހައްދުގެ ގްރޫޕް އޭގައި ޕޯޗުގަލް އާއި ލަގްޒެމްބަރގް ބައްދަލުކުރިމެޗް ޕޯޗުގަލް ކާމިޔާބުކޮށްފިއެވެ. ޕޯޗުގަލްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 5 ލަނޑު ސުންލަނޑުންނެވެ.

ޕޯޗުގަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕޯޗުގަލްއިންނެވެ. މިމެޗްގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯވަނީ ހެޓްރިކެއް ހަދާފައެވެ. މިއީ އޭނާ ހެދި 58 ވަނަ ހެޓްރިކެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 8 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ކާމިޔާބުކުރިއިރު ދެވަނަ ލަނޑު 13 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީވެސް ރޮނާލްޑޯއެވެ. މިމެޗްގައި ރޮނާލްޑޯގެ ހެޓްރިކް ފުރިހަމަ ކުރީ މެޗްގެ 87 ވަނަ މިނެޓްގައި އޭނާ ކާމިޔާބުކުރި ލަނޑުންނެވެ. މިހެޓްރިކާއެކު އޭނާ މިހާރުވަނީ ބައިނަލްއަޤްވާމީ 115 ލަނޑު ޖަހާ އޭނާގެ ރިކޯޑް އިތުރަށް ހަރުދަނާ ކޮށްފައެވެ. މިމެޗްގައި ޕޯޗުގަލްގެ ދެން ޖެހި ދެލަނޑު މެޗްގެ 17 ވަނަ މިނެޓައި 69 ވަނަ މިނެޓްގައި ޖަހާދިނީ ބްރޫނޯ ފެނާންޑޭޒް އާއި ޖޮއާއޮ ޕަލީނިއާއެވެ.

މިކާމިޔާބީއާއެކު ޕޯޗުގަލް އުޅެނީ ކުޅުނު ހަ މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. މިގްރޫޕްގެ އެއްވަނައިގައި 7 މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު އުޅެނީ ސަރބިއާއެވެ. ލަގްޒެމްބަރގް އުޅޭނީ 6 މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.