ކުޅިވަރު

އިންގްލަންޑާއި ހަންގޭރީ ބައްދަލުކުރިމެޗް އެއްވަރު


ވާރލްޑް ކަޕް ކޮލިފައިންގ ޔޫރަޕް ސަރަހައްދުގެ ގްރޫޕް އައި ގައި އިންގްލަންޑައި ހަންގޭރީ ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ. އިންގްލަންޑްގެ ވެންބްލީ ސްޓެޑިއަމްގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވަރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންގްލަންޑެވެ. ނަމަވެސް ހަންގޭރީއިން ޑިފެންޑް ކުރަމުންދިޔަލެއް ވަރުގަދަކަމުން އިންގްލަންޑަށް މިމެޗްގައި ގިނަ މައްސަލަތަކާއި ކުރިމަތިވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ޖަހައިދިނީ ހަންގޭރީގެ ރޯލަންޑް ސަލައިއެވެ. ނަމަވެސް އިންގްލަންޑުންވަނީ މެޗްގެ 37 ވަނަ މިނެޓްގައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖޯން ސްޓޯންސްއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ހަންގޭރީގެ ސަޕޯޓަރުންނާއި ދަނޑު ބަލަހައްޓަމުންދިޔަ އޮފިޝަލުންނާއި ފުލުހުންނާއި މެދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގާދިޔަ. މިމެޗްގެ ދެވަނަ ހާފްގައި އިންގްލަންޑުން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން އެޓީމަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

މިމެޗް އެއްވަރު ވުމުން މިއަންނަ އަހަރުގެ ވާރލްޑް ކަޕަށް ކޮލިފައިވުން އިންގްލަންޑަށް ކުޑަތަންކޮޅެއް މަޑު ޖެހިގެންދިޔަ ނަމަވެސް އަދިވެސް އެޓީމް އޮތީ ގްރޫޕް އައިގެ އެއްވަނައިގައެވެ. އެއީ ކުޅުނު އަށް މެޗުން ލިބިފައިވާ 20 ޕޮއިންޓާއެކުއެވެ. ދެވައިނައިގައި އުޅޭ ޕޮލަންޑަށް ލިބިފައިވަނީ އަށް މެޗުން 17 ޕޮއިންޓެވެ. އިންގްލަންޑަށް މިހާރު ޖެހިފައިވަނީ ފަހު ދެމެޗުން 4 ޕޮއިންޓް ހޯދަން. އަލްބޭނިއާ އާއި އިންގްލަންޑްގައި ކުޅޭ މެޗާއި ރަށުން ބޭރުގައި ސެން މަރީނޯ އާއި ބައްދަލުކުރާ މެޗެވެ. މިމެޗް އެއްވަރު ވުމުން ހަންގޭރީ އުޅެނީ އަށް މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ.