ޚަބަރު

ބަރަހަނާ ފޮޓޯއާއި ވީޑިއޯތަކެއް ހާމަކުރި މަސާޢިދު ޝަރީއަތް ނިމެންދެން ބަންދު


އެކި ދުވަސްމަތިން މީހުންގެ ޒާތީ މައުލޫމާތާއި ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ، ޓެލެގްރާމްއާ އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާ މައްސަލާގައި މއ.އިސްޕަންޖުގެ، މުޙައްމަދު މަސާޢިދު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މީހުންގެ ޒާތީ މައުލޫމާތާއި ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ، ޓެލެގްރާމްއާ އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އާންމު ކުރި މައްސަލާގައި މއ.އިސްޕަންޖުގެ، މުޙައްމަދު މަސާޢިދުގެ މައްޗަށް 11 ދަޢުވާއެއް ވަނީ އުފުލާފައެވެ.

ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ މި ދަޢުވާތައް މުޙައްމަދު މަސާޢިދު ބިން ސަމީޢުގެ މައްޗަށް އުފުލާފައިވަނީ އެކިދުވަސްމަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި، ޒާތީ މުޢާމަލާތް ހިމެނޭ އެހެނިހެން އެކައުންޓްތައް ހެކްކުރުމަށްފަހު އެކި މީހުންގެ ޒާތީ މަޢުލޫމާތާއި އެމީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމް އާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާ މައްސަލާގައިކަމަށެވެ.

މަސާޢިދުގެ މައްޗަށް ޤާނޫނުލް އުޤޫބާތުގެ ދަށުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ 3 ދަޢުވާއަކާއި، އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ 3 ދަޢުވާގެ އިތުރުން އެނގިހުރެ ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހޯދުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ. މީގެ އިތުރުން، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއަކާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާއެއްގެ އިތުރުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާ ހިމެނޭހެން ޖުމަލް 11 ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައިވެއެވެ.