ޚަބަރު

މާލޭގެ ރައްޔިތުންނަށް، ރަށްރަށުން ގޯތިލިބޭނެ ފުރުސަތު ފަހިވާންޖެހޭ - އަސްލަމް

އަތޮޅުތަކުގެ ރަށްޔިތުންނަށް މާލެއިން ގޯއްޗާއި، ބިން ލިބޭ ފަދައިން މާލޭގެ ރައްޔިތުންނަށްވެސް އަތޮޅުތަކުގެ ރަށްތަކުން ބިން ލިބޭނެ އިންތިޒާމެއް ހަމަޖެހެން ޖެހޭކަމުގައި ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މިނިސްޓަރާ ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު ޢަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންނަސް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށެވެ.

އާޒިމްގެ ސުވާލުގައި އަތޮޅުތަކުގެ ރަށްރަށުން މާލޭގެ ރައްޔިތުންނަށް ގޯތި ނުލިބޭތީ އެކަމުގައިއޮތް މަގަކީ ކޮބައިތޯ ދެންނެވުމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ޤާނޫނު އަސާސީން އެއްވެސް ރައްޔިތަކަށް ރާއްޖޭގެ އެއްވެސް ރަށަކުން ގޯތި ލުބުމަށާއި، ދިރިއުޅުމަށް މަނާ ނުކުރާކަމަށެވެ. ނަމަވެސް ފެނިގެންދަނީ މާލޭގެ ރައްޔިތުން އަތޮޅު ތަކުން ބިންހޯދައި ވަޒަން ވެރިވުމަށް ބޭނުންވި ނަމަވެސް ކައުންސިލްތަކުން އެކަމަށް އިޖާބަ ނުދޭތަން ކަމަށެވެ.

މިއީ އެއްވެސް ހާލެއްގައި ތަހުޒީބު މުޖުތަމައެއްގައި އޮންނަންޖެހޭ ރަނގަޅު ގޮތެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގެވި ވެށިފަހި މާލެ ޕްރޮގުރާމުގެ ދަށުން ގޯތި ދޫކޮށްލި ބައެއް މީހުންނަށް ގޯތިނުލިބި ލަސްވާތީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފު ކުރެއްވި ސުވާލުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ އެ މަސައްކަތަކީ ވީހާވެސް އަވަހަކަށް ކުރައްވަން ބޭނުންފުޅުވާ މަސައްކަތެއް ކަމަށެވެ. އަދި އެ ފަރާތްތަކަށް ގޯތި ދޫކުރުމަކީ ކުރައްވަން އެދިވަޑައިގަންނަވާ ކަމެއް ކަމުގައިވީ ނަމަވެސް އެކަމާއި ގުޅޭ މައްސަލަތަކެއް ބަލާތީ އެކަން ކުޑަކޮށް މަޑު ޖެހިފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ގުޅިފަޅުގައި ހިއްކާ ސަރަހައްދުން ގޯތި ދޫކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން 1،200 ގޯތި ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ވެށި ފަހި މާލެ ޕްރޮގްރާމަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ހައްލެއް ހޯދާދިނުމުގެ ގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2010ވަނަ އަހަރު އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގެ ދަށުން 3 ކެޓެގަރީއަކުން މިކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވެއެވެ. އެގޮތުން ކުދި ބިން ތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި، ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހިންގެ އިތުރުން މުނިސިޕަލްޓީގެ ދަފްތަރުގައި، 30 ޖޫން 2011ގެ ނިޔަލަށް ރަޖިސްޓްރީވެފައިވާ މީހުންގެ ކެޓަގަރީ ހިމެނެއެވެ.