ވިޔަފާރި

މާފަރު - ދިއްލީ، ދަތުރުތައް: މޯލްޑިވިއަންއިން ފަތުރުވެރިކަމަށް އަޅާ މުހިންމު ފިޔަވަޅެއް


ކޯވިޑް-19އަށްފަހު ޤައުމީ އެއަރލައިން މޯލްޑިވިއަނުން މުޅިން އަލަށް ދަތުރުތައް ފަށާ ފުރަތަމަ މަންޒިލަކީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއެވެ. މިމަހުގެ 21ވަނަ ދުވަހު ނިއުދިއްލީއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް މިހާރު އެ އެއަރލައިނުން ވަނީ ތައްޔާރުވެފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިލޭންޑް އެވިއޭޝަންގެ ދަށުން ހިންގާ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ، ނިއުދިއްލީއަށް މޯލްޑިވިއަނުން މިފަށާ ދަތުރުތައް އެންމެބޮޑަށް ޚާއްސަވާ އެއްކަމަކީ މިދަތުރުތައް ކުރަނީ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުންކަމަށްވުންކަމަށެވެ.

މޯލްޑިވިއަންގެ ވިސްނުމަކީ އިންޓަނޭޝަނަލްގެ ހަޤީގީ މާނާގައި މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގެ ބޭނުން ހިފުންކަން ފާހަގަކުރައްވައި މޫސާ ވަސީމް ވިދާޅުވީ، ބައިނަލްއަޤްވާމީ ދަތުރުތައް ކުރަން މާފަރު އެއަރޕޯޓް މިހާރު އޮތީ ތައްޔާރަށްކަމަށެވެ. ދަތުރުތައް ފެށުމުން ކާގޯގެ ޚިދުމަތްތައްވެސް ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ކޯވިޑަށްފަހު ފުރަތަމަ ބައިނަލްއަޤްވާމީ ދަތުރެއްކުރަން އައު މަންޒިލެއްގެ ގޮތުގައި ކަނޑަމިއެޅީ ނިއުދިއްލީ. ނިއުދިއްލީއަށް ދަތުރުފެށުމަށް އަޅުގަނޑުމެން މިހާރު ތައްޔާރުވަމުން މިދަނީ އޮކްޓޯބަރ މަހުގެ 21ވަނަ ދުވަހު އަޅުގަނޑުމެންގެ ނިއުދިއްލީ ދަތުރުތައް ފެށިގެންދާނެ. މީގަ ހާއްސަވާ އެންމެ ބޮޑު އެއް ހާއްސަވުމަކީ މި ދަތުރުތައް އަޅުގަނޑުމެން މިކުރަނީ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުން. އެއީ މޯލްޑިވިއަނުން އޮޕަރޭޓްކުރާ އެއަރޕޯޓެއް." މޫސާ ވަސީމް ވިދާޅުވިއެވެ.

މޯލްޑިވިއަނުން މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުން ދިއްލީއަށް ދަތުރުފެށުމަށް ނިންމީ ބޯޑަރު ހުޅުވާލުމާއިއެކު ގިނަ ސްޓަޑީތަކެއް ހެދުމަށްފަހުގައިކަމަށް އެ އެއަރލައިނުން ބުނެއެވެ. މޫސާ ވަސީމް ވިދާޅުވީ، މާފަރުން ދިއްލީއަށް ދަތުރުފެށުމަކީ އެ ސަރަހައްދުގައި ހުރި ރިސޯޓްތަކަށް ފަތުރުވެރިން އަންނަމުންދާނެކަމެއްކަމަށާއި މީގެ ސަބަބުން އެ ސަރަހައްދަށް އިޤްތިޞާދީގޮތުން ބޮޑު މަންފާތަކެއް ލިބިގެންދާނެކަމަށެވެ. އެހެންކަމުން މާފަރުން ދިއްލީއަށް ދަތުރުތައް ފެށުމަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް މޯލްޑިވިއަނަށް ކުރެވޭނެ މުހިންމު މަސައްކަތަކަށްވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. އަދި މޯލްޑިވިއަނުން މިފަށާ ދަތުރުތަކާއިއެކު އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.

"ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި މޯލްޑިވިއަނަށް އަދާކުރެވޭނެ ދައުރަށް ބަލާއިރުގައި ނިއުދިއްލީއަށް ދިއުމަކީ އަޅުގަނޑުމެންނަށް ހަމަގައިމުވެސް މާކެޓެއް އަތުވުމަށްޓަކައި ކުރެވޭ ރަނގަޅުކަމެއްކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އަޅުގަނޑުމެންގެ ޓީމުން ވިސްނާފައި އޭގެ ސްޓަޑީ ހަދާފައި ގަބޫލުކުރެވުނީ އެއީ ހަމަ ރަނގަޅު ދިމާލަކަށް ވެގެންދާނެކަމަށް." މޫސާ ވަސީމް ވިދާޅުވިއެވެ.

މި ދަތުރުތަކުގެ އަގަކީ 285 ޑޮލަރެވެ. ދަތުރުތައް އޮންނާނީ ހަފްތާއަކު 3 ދުވަހުއެވެ. އެއީ މާފަރުން ދިއްލީއަށް ހަފްތާގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. އަދި ދިއްލީއިން މާފަރަށް ބުދަ، ހުކުރު އަދި އާދިއްތަ ދުވަހުއެވެ.

މޯލްޑިވިއަނުން ބުނީ ޑިމާންޑަށް ބެލުމަށްފަހު ފްލައިޓްތައް އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރާނެކަމަށެވެ. މޯލްޑިވިއަނުން މިހާރުވެސް އަންނަނީ ބައިނަލްއަޤްވާމީ 3 މަންޒިލަކަށް ދަތުރުކުރަމުންނެވެ. އެއީ އިންޑިއާގެ ޓްރިވެންޑްރަމް، ކޮޗިން، އަދި ބަންގްލަދޭޝްގެ ޑާކާއެވެ.