ޚަބަރު

އަޙްސަން ބަޝީރު މަރާލި މައްސަލާގައި ޝަހުމް މެރުމަށް ޙުކުމްކޮށްފި


2011 ވަނަ އަހަރު މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ އަހްސަން ބަޝީރުގެ މަރާއި ގުޅިގެން އޭނާއަށް ހަމަލާދިން އިބްރާހީމް ޝަހްމް އާދަމް މެރުމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައިކޯޓުން ކުރި ޙުކުމުގައިވަނީ ސ. ހިތަދޫ، ވަރުދީގެ އަޙްސަން ބަޝީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލުމާއި ގުޅިގެން، އެޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް، އޭނާ ނިޔާވި މައްސަލައިގައި، އޭނާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދަޢުވާކުރި ޝަހްމްއާ ޝިމާޒްގެ މައްޗަށް ކުރި ދަޢުވާތައް ޝަރީޢަތަށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅާފައެވެ.

މިމައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި ޝަހުމްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާއިރު، ޝިމާޒްގެ މައްޗަށް ދަޢުލަތުން އުފުލީ ޤަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.

ނަމަވެސް ޝަހްމު އާއި ޝިމާޒްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަ ތަކާއި ޚިލާފު ނިންމުމެއްކަމަށް ބުނެ ދަޢުލަތުންވަނީ އެނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މިމައްސަލަ ބެއްލެވުމަށްފަހު ހައިކޯޓުން މިއަދުކުރި ޙުކުމުގައިވަނީ އިބްރާހިމް ޝަހްމު އާދަމްގެ މައްޗަށް ދައުލަތުން ކުރި ޤަޞްދުގައި މީހަކު މުގެ ކުށުގެ ދަޢުވާ އެކުށް ސާބިތުކުރުމަށް އިސްލާމީ ޝަރީޢަތުގައި ބަޔާންކުރާ ޔަޤީނާ ގާތްކުރާ މިންވަރަށް ސާބިތުވާތީ، ޤަޞްދުގައި މީހަކު މެރުމުގެ ކުށުން އިބްރާހިމް ޝަޙްމު އާދަމް ކުށްވެރިވެއްޖެކަމަށެވެ. އެހެންކަމުން އެކުށުގެ އަދަބެއްގެ ގޮތުން، ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ކަނޑައަޅާފައިވާ އިޖުރާއަތުގެ ތެރެއިން ގ.ކޯޒީ އިބްރާހިމް ޝަޙްމު އާދަމް މެރުމަށް އެކޯޓުންވަނީ ޙުކުމްކޮށްފައެވެ.

އަދި ޤަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގައި ދަޢުވާކުރި މއ.ވީނަސްތަރި ޙަސަން ޝިމާޒް މުޙައްމަދު ސުވާދުގެ މައްޗަށް ސާބިތުވާތީ، އޭނާ އެކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އެކަމުގެ ޢުޤޫބާތެއްގެ ގޮތުން 15 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުންވަނީ ޙުކުމްކޮށްފައެވެ.

މި މައްސަލައަކީ މަރުގެ ތުންފަތް މަތީގައި އޮވެގެން މީހަކު ބުނި ބަހުން ރާއްޖޭގެ ކޯޓަކުން ފުރަތަމަ ފަހަރަށް ބަލައިގަތް މައްސަލައެވެ. އަޙްސަންއަށް ހަމަލާދިނީ ޝަހުމާއި ޝިމާޒް ކަމަށް ހޮސްޕިޓަލްގައި އޮވެގެން ބައެއް މީހުންގެ ގާތުގައި އޭނާ ބުނެފައިވެ އެވެ. އަދި މިއީ މަރުގެ މައްސަލައެއްގައި ދަށު ކޯޓުން ކުށް ސާބިތުނުވެ، ސަލާމަތްވި މީހަކަށް ހައި ކޯޓުން މަރުގެ އަދަބެއް ކަނޑައެޅި ދެވަނަ މައްސަލައެވެ.

މީގެ 10 އަހަރު ކުރިން 2011 ވަނަ އަހަރުގެ މާޗްމަހުގެ 17 ދުވަހު، މާލޭގައި އަޙްސަން ބަޝީރުއަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލުމާއި ގުޅިގެން، އެޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް، ހަމަ އެދުވަހުގެ ވަގުތެއްގައި އޭނާ ވަނީ ނިޔާވެފައެވެ.