ވިޔަފާރި

އެކްސްޕޯގެ ކެއްކުމުގެ ބައިގައި 25 ފަރާތަކުން ބައިވެރިވެފައިވޭ


އެކްސްޕޯ މޯލްޑިވްސް ދެހާސް ފަނަރައިގައި ހިމެނޭ ބައިތަކުގެ ތެރެއިން ކެއްކުމުގެ ބައިގައި މާލެއާއި އަތޮޅުތަކުން 25 މީހުން ބައިވެރިވެފައިވާކަމަށް އެކްސްޕޯރ މޯލްޑިވްސް ދެހާސް ފަނަރައިގެ ޗެއަރމަން އަދި އިކޮނޮމިކް މިނިސްޓަރގެ ނާއިބު ޢަބުދުﷲ މުޙައްމަދު ވިދާޅުވެއްޖެއެވެ. މި މަހުގެ ބާވީހުން ފެށިގެން އަށާވީހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިޔަށްދާ މައުރަޒުގައި ކެއްކުމުގެ ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. އެ ގޮތުން ކެއްކުމުގެ ބައިގައި ވަގުތުން ކައްކައި ނިންމާ، ޖަޖުން އެތަކެތީގެ ރަހަބަލައި، ވަނަހޮވުމަށް ހަމަޖެހިފައިވެއެވެ.ކެއްކުމުގެ ހަރަކާތްތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެކްސްޕޯ ދެހާސް ފަނަރައިގެ ޗެއާރމަން އަބުދުﷲ މުހައްމަދު ވިދާޅުވީ މި މައުރަޒުގައި މިކަމަށް ޚާއްސަ ބަދިގެއެއް ހުންނާނެކަމަށެވެ. އަދި މި ބައިގައި ފުރުސަތުދެނީ ދިވެހި އުފެއްދުންތަކަށްކަމަށާއި،  މީގެ ތެރޭގައި ޒަމާނީ އުފެއްދުންތެރި ކެއްކުންތަކާއި ޘަގާފީ ކެއްކުންތައް ހުށަހެޅިދާނެ ކަމަށް ވެސް އެކްސްޕޯ މޯލްޑިވްސް އިން މަޢުލުމާތުދެއްވައެވެ. މި މައުރަޒުގައި ކެއްކުމުގެ ބައިން މާކްސް ދިނުމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަބުދުﷲ މުހައްމަދު ވިދާޅުވީ މާކްސް ދިނުމުގައި ވަރަށް ގިނަ ކަންތައްތަކަށް ބަލާނެކަމަށެވެ. ކެއްކުމަށް ޝައުގުވެރިވެ އެކަމަށް މިހާތަނަށް 25 މީހުން ކުރިމަތިލާފައިވެއެވެ.