ޚަބަރު

9 ދުވަސް ފަހުން ކޯވިޑް ކޭސްތައް 100އިން މައްޗަށް


ރާއްޖެއިން އިތުރު 110 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޯވިޑް ޕޮޒިޓިވް ކޭސްތައް 100އިން މައްޗަށް ގޮސްފައިވަނީ 9 ދުވަސް ފަހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 110 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 26 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 75 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 9 މީހަކުވެސް މީގެތެރޭގައި ހިމެނެއެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 85732އަށް އަރާފައެވެ. ކޯވިޑް19އަށް މިވަގުތު ފަރުވާ ހޯދަމުން ދަނީ 1192 މީހުންނެވެ. މީގެތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 13 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 122 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 84292 އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3898 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 235 މީހުން ރާއްޖޭގައި ވަނީ ނިޔާވެފައެވެ.