ކުޅިވަރު

ދިވެހި ސަޕޯޓަރުން މާޔޫސްވިޔަ ނުދޭނަން - ސުޒޭން


ދިވެހި ސަޕޯޓަރުން ދިވެހި ގައުމީ ޓީމަށް ސަޕޯޓްކުރަން 18 ގަޑިއިރު ކިއުގައި ހުރެގެން ޓިކެޓް ގަތުމަކީ އިންޑިޔާ މެޗަށް ނިކުންނައިރު ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށްވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށް ގައުމީ ކޯޗް ޢަލީ ސުޒޭން ބުނެފިއެވެ.

މެޗްގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގައުމީ ކޯޗް އަލީ ސުޒޭން ބުނީ މިމެޗަށް ޓީމް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފަކަމަށާއި ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިއަކުވެސް ބޭނުންވަނީ ދިވެހިން ސްޕޯޓަރުންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭންކަމަށެވެ. މިމުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗްގައިވެސް ދިވެހި ސަޕޯޓަރުންވަނީ 12 ވަނަ ކުޅުންތެރިޔާގެ ރޯލު ވަރަށް ރަނގަޅަށް އަދާކޮށްފައެވެ. އަދި ޓީމަށް ސަޕޯޓް ކުރުމުގައި ނަމޫނާ ދައްކާފައެވެ. ސުޒޭން ބުނީ މެޗް އެއްވަރުކޮށްލައިގެންވެސް ދިވެހި ޓީމަށް ފައިނަލަށް ދެވެން އޮތްނަމަވެސް ރާއްޖޭގެ ޤައުމީ ޓީމުން މަސައްކަތް ކުރާނީ އިންޑިޔާގެ މައްޗަށް ކުރި ހޯދައިގެން ފައިނަލަށް ދާންކަމަށެވެ.

"އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަޅުގަނޑުމެން މި ކިޔާ 12 ވަނަ ކުޅުންތެރިޔާ. އެ ކުޅުންތެރިޔާގެ ހިތްވަރު ޓީމަށް ފެނުނީމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑު މޯޓިވޭޝަނެއް އެއީ. 18 ވަރަކަށް ގަޑިއިރު ކިއުއެއްގައި، އަޅުގަނޑުމެންނަށް ސަޕޯޓްކުރުމަށް ޓިކެޓެއް ބައްލަވައިގަތުމަކީ އަޅުގަނޑުމެންގެ ޓީމަށް ކިހާ ވަރުގަދަ ހިތްވަރަކަށް ވާނެ. އަޅުގަނޑުމެންނާ އެކު ތިބި ސަޕޯޓަރުން މާޔޫސްނުވާނެ ހުރިހާ ގޮތަކަށް މަސައްކަތް ކުރާނަން. ޓީމުގެ ހުރިހާ ކުޅުންތެރިން އެ ހިތްވަރުކުރާނެ." ސުޒޭން ބުންޏެވެ.

މިފަހަރުގެ އުރީދޫ ސާފް ޗެންޕިއަންޝިޕް އެހެން އަހަރުތަކާިއ ހިލާފަަށް، ލީގް އުސޫލުން ކުރިއަށްދާއިރު، މާދަމާ ރޭ ލީގް ބުރުގެ ފަހު މެޗްގައި އިންޑިޔާ އާއި ދިވެހިރާއްޖެ ބައްދަލުކުރާއިރު، މިމެޗް އެއްވަރުކޮށްލައިގެންވެސް ރާއްޖެއަށް ފައިނަލަށް ދިއުމުގެ ފުރުސަތުވަނީ ލިބިފައެވެ. ނަމަވެސް އިންޑިޔާއިން ފައިނަލްގެ ޖާގައެއް ހޯދާނަމަ، އިންޑިޔާއިން ޖެހޭނީ ރާއްޖޭގެ މައްޗަށް ކުރި ހޯދާށެވެ.

ރާއްޖެއިން މިހާތަނަށް ސާފް ޗެންޕިއަންޝިޕް ދެ ފަހަރު ހޯދާފައިވާއިރު، މިދެ ފަހަރުވެސް ރާއްޖެއިން މިތަށި ކާމިޔާބުކޮށްފައިވަނީ އިންޑިޔާ ބަލިކޮށްގެންނެވެ. އެއީ 2008ވަނަ އަހަރު އާއި 2018ވަނަ އަހަރުއެވެ. މިމެޗަށް މިދެ ޓީމް ނިކުންނައިރު، އިންޑިޔާއަކީ މިސަރައްހަދުގެ ވަރުގަދަ ބާރެކެވެ. ފުޓްބޯޅަ ކުރިއެރުވުމަށް އެގައުމުން ބޮޑު ހޭދައެއް ކޮށްފައިވާއިރު، 2018ވަނަ އަހަރު އިންޑިޔާއިންވަނީ އޭޝިއަން ކަޕްގައިވެސް ވާދަކޮށްފައެވެ. އިންޑިޔާއިން ފުޓްބޯޅައަށް ބޮޑު ހަރަދެއް ކުރާއިރު، މިސަރައްހަދުގައި އަބަދުވެސް އިންޑިޔާ އާއި ރާއްޖެ ކުޅޭ މެޗަކީ ވަރަށް ވާދަވެރި މެޗެކެވެ.