ޚަބަރު

ޤައިދީންނަށް ޞިއްޙީ ޚިދުމަތް ޔަޤީން، ޙާލަތު ބަދަލު ކުރުމަށް ގިނަ ފިޔަވަޅުތަކެއް!


ތަފާތު އެކި ކުށްތަކުގައި ޖަލުތަކުގައި ތިބި ޤައިދީންނަށްވެސް އެންމެ އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ޞިއްޙީ ޚިދުމަތް ލިބޭނެގޮތެއް ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ހެދި ދިރާސާތަކާއެކު ޖަލުތަކުގައި ޞީއްޙީ ޚިދުމަތް ދޭނެ ރަނގަޅު ވަސީލަތްތަކެއް މިހާރު ދަނީ ޤާއިމުކުރަމުންނެވެ.

މިސަރުކާރުން ވެރިކަމާ ޙަވާލުވުމުގެކުރިން ޖަލުތަކުގެ ޙާލަތާމެދު ކަންބޮޑުވެ އެކަމަށް ބަދަލު ގެންނާނެކަމަށް ދިޔައީ ވިދާޅުވަމުންނެވެ. ޚާއްސަކޮށް ޖަލުތަކުގައި ޞިއްޙީ ޚިދުމަތް ނުލިބި ގައިދީންނަށް ދިމާވާ ބޮޑެތި މައްސަލަތަކުގެ ވާހަކަ ގިނަބަޔަކު ދިޔައީ ފާހަގަކުރަމުންނެވެ. މިކަންކަން ބަދަލު ކުރުމަށްޓަކައި ސަރުކާރުން ދަނީ ޖަލުތަކަށް ބޭނުންވާ ޞީއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައި، ޞިއްޙީ ޚިދުމަތް ޖަލުތަކުން ކަށަވަރު ކޮށްދެއްވަމުންނެވެ.

ރާއްޖޭގެ އެންމެ ގިނަ ކުށްވެރިންތިބި މާފުށީ ޖަލުގައި ޞީއްޚީ ހާލަތު ރަނގަޅު ކުުރުމަށްޓަކައި ފުރަތަމަ ފަހަރަށްވަނީ އެޖަލުގައި ތިބި ގައިދީންނަށް ޖަލުން ޞިއްޚީ ރަނގަޅު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ. ކުރިން މާލެއިންނާއި މާފުށީ ސިއްޙީ މަރުކަޒުން ޤައިދީން ހޯދަމުންދިޔަ ޞިއްޙީ ފަރުވާ، މިހާރު ޖަލުގައި ލިބޭނެ އިންތިޒާމުވަނީ ހަމަައްސާފައެވެ.

މާފުށީ ޖަލުގައި ޤާއިމްކޮށްފައިވާ އޮފެންޑަރ ހެލްތުކެއާ ސާވިސް ޑިވިޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި މުޅިން އަލަށް ގައިދީންނަށް ދޭ ފަރުވާ ރަނގަޅުކުރުމުގެ ގޮތުން ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތް ވަނީ ފެށިފައެވެ. ޢާންމު ބަލިތަކަށް ޚާއްސަ ކޭމްޕު ހިންގުމާއި، އައިކޭމްޕް، ޓީބީ ސްކްރީންކުރުމާއި، ނަފްސާނީ ބަލިތަކަށް ފަރުވާދޭނެ ޚާއްސަ ޑޮކްޓަރެއް ގެނެސް، ކްރައިސިސް ސެންޓަރެއްވެސް މިހާރުވަނީ ޤާއިމުކޮށްފައެވެ.

މާފުށީ ޖަލުގައި ޤާއިމްކޮށްފައިވާ ޚާއްސަ ޞިއްޙީ މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، އޯޕީޑީގައި ގައިދީން ބެލުމާއި، އެކްސްރޭގެ ޚިދުމަތާއި، ފިޒިއޮތެރަޕީގެ ޚިދުމަތާއި، މައިނާ ސާޖަރީތަކާއި، ޕްލާސްޓަރ އެޅުމުގެ ޚިދުމަތުގެ އިތުރުން ބޭސްއެޅުމުގެ ޚިދުމަތްވެސް ފޯރުކޮށްދެއެވެ. މީގެ އިތުރުން ބައެއް ކުދިކުދި ޓެސްޓުތައްވެސް މިސެންޓަރުންނާއި، އަދި މާފުށީ ޞިއްޙީ މަރުކަޒާގުޅިގެން ހެދޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. މިއީ ކުރިން މާލެ އައިސްގެން ނޫނީ ޖަލުގައި ތިބޭ ގައިދީންނަށް ނުލިބޭ ފަރުވާތަކެކެވެ.

މާފުށީ ޖަލަކީ އެންމެ ގިނަ ގައިދީން ތިބި ޖަލަށްވާއިރު، ފަރުވާއަށްއެދޭ ގައިދީންނަށް އެމަގުވެސް ކަރެކްޝަނުން ދަނީ ފަހިކޮށްދެއްވަމުންނެވެ. އެގޮތުން ފާއިތުވެގެން މިދާ އަހަރުގެ މިވީ 8 މަސް ދުވަހުގެ ތެެރޭގައި ޑޮކްޓަރަށް ދެއްކުމަށް އެދުނު 6،366 ގައިދީންގެ ތެރެއިން 6،216 ގައިދީންނަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައި ދީފައެވެ. އަދި ޢާންމު ބަލިތަކާއި ޚާއްސަ ބަލިތައް ހިމެނޭހެން ފަރުވާއަށް އެދުނު ޤައިދީންގެ ތެރެއިން 1،787 ގައިދީއަކަށްވަނީ ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދައްކަން މިއަހަރުގެ ތެރޭގައި އެދުނު ޤައިދީންގެ ތެރެއިން އެންމެ ގިނަ ޢަދަދަކަށް ދައްކާފައިވަނީ ލޮލުގެ އެކި މައްސަލަތަކުގައެވެ. މިނޫވެސް އެކި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް އެދެނު ގައިދީންނަށްވެސް އެފުރުސަތުވަނީ ތަނަސް ކޮށްދީފައެވެ.

ކަރެކްޝަނުން މަސައްކަތް ކުރަމުންދަނީ ޖަލުތަކުގައި ތިބޭ ޤައިދީންނަށް އަވަސް ފަރުވާއާއި، ޢާންމު އެކިބަލިތަކަށް ޖަލުގައި ތިބެގެން ފަރުވާދެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. އެކަން ކުރުމަށްޓަކައި މިހާތަނަށްވެސް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވެއެވެ. ކުރިއަށްއޮތް ތަނުގައި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތް ކަރެކްޝަނުން ދަނީ ކުރަމުންނެވެ.