ތަޢުލީމު

އަންނަ އަހަރު ރެކޯޑް އަދަދަކަށް ބިދޭސީ ޓީޗަރުން މަދުކުރަނީ


ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވައިދޭ ބިދޭސީ ޓީޗަރުންގެ ޢަދަދު މިހާތަނަށް މަދުނުކުރެވޭހާ ބޮޑަށް މި ފެށޭ ދިރާސީ އަހަރު ބިދޭސީ ޓީޗަރުން މަދުކުރެއްވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.އެމިނިސްޓްރީން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ރާއްޖޭގައި ދިރާސީ އައު އަހަރަށް ކުރައްވާ ތައްޔާރީތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ފެށޭ އަހަރު ރެކޯރޑް ޢަދަދަކަށް ބިދޭސީ ޓީޗަރުން މަދުކުރެއްވުމަށް މަގުފަހިވެފައިވަނީ، އެކި މަރުކަޒުތަކުން ތަމްރީން ލިބިގެން ގިނަޢަދަދެއްގެ ޓީޗަރުން ޚިދުމަތަށް ނިކުންނާތީކަމަށެވެ.ކޮންމެ ކްލާސްރޫމެއްގައިވެސް ކިޔަވައިދެއްވާނެ ޤާބިލު، އެކަށީގެންވާ ޓީޗަރަކު ބެހެއްޓެވުމުގެ ޢަމާޒު ޙާޞިލްކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓރީން ފަށްޓަވާފައިވާ މަސައްކަތުގެ ދަށުން މިހާރު  ފުލްޓައިމްކޮށް ކިޔަވައިދޭ ޓީޗަރުންގެ އެންމެ ދަށް ފެންވަރަކީ ޑިޕްލޮމާ ފެންވަރުކަމަށް ހެއްދެވުމަށް ކުރެއްވި މަސައްކަތުން ރަގަޅު ނަތީޖާއް އަންނަ އަހަރު ފެނިގެންދާނެ ކަމުގައި އެޑިއުކޭޝަން މނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ރާއްޖޭގެ އެކި ކޮލެޖް ޔުނިވަރސިޓީތަކުން ތަޢުލީމް ޙާޞިލްކޮށް ނިންމާ ޓީޗަރުންގެ ތެރެއިން ދުއިސައްތައެއްހާ ޓީޗަރުންނަށް ފުރުޞަތު ދެއްވޭނެކަން މިނިސްޓްރީން ވިދާޅުވެއެވެ. ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމިނިސްޓްރީގެ ޕާމަނަޓް ސެކްރެޓަރީ ޑރ. އަބްދުލް މުޙްސިން ވިދާޅުވީ އަންނަ އަހަރު ބިދޭސީ ޓީޗަރުން ބޭނުންކުރައްވާނީ ދިވެހި ޓީޗަރުން ނުލިބިއްޖެ ޙާލަތެއްގައި އެކަނިކަމަށެވެ.2009 ވަނަ އަހަރު ޢަމަލުކުރައްވަން ފެއްޓެވި މުދައްރިސުންގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަވައި، މުދައްރިސުންގެ މުސާރައަށް މިހިނގާ 2015 ވަނަ އަހަރު ކުރިއެރުންތަކެއް ގެންނަވައިފައިވާކަން ފާހަގަކުރައްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، އެންމެ އިސްކަމެއް ދެއްވަނީ ފެންވަރު ރަނގަޅު ތަޢުލީމެއް ލިބިދެއްވުމަށްކަމަށާއި، ޓީޗަރުންނަކީ އެކަމުގެ އެންމެ އިސް މައްސޫލިއްޔަތު އަދާކުރާ ފަރާތްތަކަށް ވުމުން ޓީޗަރުންގެ އެންމެ ދަށްފެންވަރަކީ ޑިޕްލޮމާ ފެންވަރުކަން މިއަހަރު ކަނޑައަޅުއްވާފައިވާކަމަށެވެ.ޓީޗަރުންގެ ފެންވަރު ރަންގަޅުކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ކޮލެޖް ޔުނިވަރސިޓީތަކުގެ ޕްރޮގްރާމްތަށް ފުރިހަމަކުރަމުންދާއިރު، މީގެ ތެރެއިން 900 ފަރާތެއް ޤައުމީ ޔުނިވަރސިޓީން ތަމްރީނުކުރައްވަމުން އެބަގެންދަވައެވެ. އަދި ޓީޗަރުންގެ އެންމެ ދަށްފެންވަރު ކަމުގައިބަލާ ޑިޕްލޮމާ ފެންވަރުހުރިކަން މިނިސްޓްރިން ޤަބޫލުކުރައްވާނީ އެ ޓީޗަރެއްގެ ސަނަދު މިނިސްޓްރީއަށް ހުށައެޅުމުންނެވެ. އަންނަ އަހަރަކީ ޓީޗަރުންގެ ފެންވަރު ރަނގަޅުކުރެއްވުމަށް ކުރައްވާ މަސައްކަތައް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ އަހަރެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.