ކުޅިވަރު

ބަންގަލަދޭޝްގެ ކުރިއެރުން ނޭޕާލް މެޗުން ފެނިގެންދާނެ - އޮސްކާ


އުރީދޫ ސާފްޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްގެ ކޯޗުކަމާ ހާވާލުވެ ޓީމާއެކު ހޯދި ކުރިއެރުން މާދަމާ ހަވީރު ނޭޕާލާ ދެކޮޅަށް ކުޅޭމެޗުން ފެނިގެންދާނެ ކަމަށް އެ ޓީމުގެ ކޯޗު އޮސްކާ ބްރޫޒޮން ބުނެފިއެވެ. މެޗުގެ ކުރިން ވާހަކަދައްކަމުން އޮސްކާ ބުނީ މުބާރާތުގައި ނޭޕާލުގެ ޓީމު ފެނިގެންދިޔައީ ވަރަށް ތަފާތުކޮށް ކަމަށާއި އެޓީމުން މުބާރާތުގެ މިހާތަނަށް މޮޅުކުޅުމެއް ދައްކާފައިވާކަމަށެވެ. އޭނާ ބުނީ މާދަމާގެ މެޗުގައި ދަނޑުމަތިން ބަންގްލަދޭޝް ފުޓްބޯޅަ ކުރިއަރާފައިވާ މިންވަރު ސާބިތުކޮށްދޭން ބޭނުންވާކަމަށެވެ. އޭނާ ބުނީ ރާއްޖެ އަތުން ބަލިވި ނަމަވެސް ބަންގާޅު އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށާއި ޓީމުގެ އަޒުމަކަށް ބަދަލެއް ނާންކަމަށެވެ. މެޗަށް ނުކުންނާނީ ފުރިހަމަ ބާރާއެކު މެޗު ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށް ބަންގްލަދޭޝްގެ ކޯޗު ބުންޏެވެ.

"އަހަންނާ ޓީމު ހަވާލުވިއިރު ވަގުތެއް ނެތް، އަހަރެން ސާބިތުކޮއްދޭން ބޭނުން ސަރަހައްދީން ފުޓްބޯޅައިން ބަންގްލަދޭޝް ކުރިއެރު މިންވރު ދައްކަދޭން، އެ ހިއްވަރު އަހަރެމެންގެ ކުޅުންތެރިންގެ އެބަހުރި" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ މެޗުން ނަތީޖާ ހޯދުމަށް ދަނޑުމަތީ ނަތީޖާ ހޯދުން މުހިންމު ކަމަށާއި، ބަންގްލަދޭޝްއިން މެޗުގައި މޮޅުވާން ކޮންމެ ކުޅުންތެރިން މަސައްކަތް ކުރާނެކަމަށެވެ. މި ހާތަނަށް މުބާރާތް އެއްފަހަރު ކާމިޔާބުކޮށްފައިވާ ބަންގްލަދޭޝް ވަނީ އޮސްކާގެ ކޯޗުކަމުގައި މުބާރާތުގައި ވަރުގަދަ ކުޅުމެއް ދައްކާފައެވެ. އެހެންނަމަވެސް އެޓީމަށް ފައިނަލަށް ދިޔުމުގެ ފުރުސަތު އޮތީ މާދަމާގެ މެޗު ކާމިޔާބުކޮށްގެންނެވެ.