ޚަބަރު

"ވޭތުވެދިޔަ 1،000 އަހަރު، ޖަލުގައި ނުލިބޭފަދަ ޞިއްޙީ ޚިދުމަތް މިހާރުވަނީ ކަށަވަރުވެފައި"


ރާއްޖޭގެ ޖަލުތަކުގައި ފާއިތުވެދިޔަ 1،000 އަހަރު ތެރޭގައި ފޯރުކޮށްނުދެވޭފަދަ އެތައް ޞިއްޙީ ޚިދުމަތްތަކެއް މިސަރުކާރު ވެރިކަމާ ޙަވާލުވުމަށްފަހު ފޯރުކޮށްދެއްވައި އެކަން ކަށަވަރު ކޮށްދެއްވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް އަލި އަޅުވާލައްވައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ޝަރީއަތް ނުކުރެވި ޖަލުގައި ބަންދުކޮށްފައި މީހުން ބޭތިއްބުމަކީ މިސަރުކާރުން ތާޢީދުކުރާނެކަމެއް ނޫންކަމަށެވެ. އަދި އެއީ ސަރުކާރުން ވެރިކަމަށް ވަޑައިގަތުމަށް ވެފައިވާ ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ ވައުދެއްކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިހާރު ޖަލުތަކުގައި ވަކި މުއްދަތެއް ނެތި ނުވަތަ ވާނުވާ ބަންދުގައި އެއްވެސް މީހަކު ނުހުންނާނެކަމަށެވެ. މިސަރުކާރުން ވެރިކަމާ ޙަވާލުވިއިރު، 300އަށްވުރެ ގިނަ މީހުން ޖަލުތަކުގައި މުއްދަތެއް ނެތްގޮތަށް ނުވަތަ ވާނުވާގައި ބަންދުގައި ތިއްބެވެ. މިމައްސަލައަށް ހައްލު ގެނައުމަށް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 65 މެމްބަރުންގެ މަސައްކަތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް މިކަމަށް ނިމުން ގެނުވާފައިވާކަމަށް ސަލީމް ވިދާޅުވިއެވެ. ޖަލުތަކުގައި ޝަރީއަތް ނުކުރެވި، ނުވަތަ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކުރެވި، ނުވަތަ އެމީހަކު ކުރި ކުށަކީ ކޮބައިކަން ނޭގި ޖަލުގައި އެއްވެސް މީހަކު މިހާރު ނުހުންނާނެކަމަށް ސަލީމް ވިދާޅުވިއެވެ.

ފަހުގެ ތާރީޚުގައި ޖަލުގައި ވާނުވާގައި މީހުން ބައިތިއްބައި، ކަށަވަރުކޮށްދޭންޖެހޭ ޞިއްޙީ ފަރުވާ ނުދިނުމުން ދިމާވި ހިތާމެވި ހާދިސާތަކަށްވެސް ސަލީމް ވަނީ އަލި އަޅުވާލައްވާފައެވެ. ސަލީމް ވިދާޅުވީ ރާއްޖޭގައި ޖަލުތައް ހިންގާތާ މިވީ 1،000 އަހަރުގެ ދިގު ތާރީޚުގައި ޖަލުގައި ޞިއްޙީ ފަރުވާދޭނެ ޚާއްސަ މަރުކަޒެއް ޤާއިމްކުރީ މިސަރުކާރުން ކަމަށެވެ. އެމަރުކަޒުގައި، ބޭސްފަރުވާ ކުރާނެ ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހިފައިވާކަމާއި ގިނަ ބަލިތަކަށް ފަރުވާދެވޭނެ ގޮތްވެސް ހަމަޖެހިފައިވާކަން ސަލީމް ފާހަގަކުރެއްވިއެވެ.

ޖަލުގައި މިހާރު ލެބޯޓަރީގެ ޚިދުމަތްތަކާއި އެކި ސާމްޕަލްތައް ހެދޭނެ އިންތިޒާމާއި ކުދިކުދި ޓެސްޓުތަކާއި ސާޖަރީތައްވެސް ހެދޭނެއިންތިޒާމު ހަމަޖެހިފައިވެއެވެ. މިއަހަރުގެ މިހާތަނަށް ޖަލުގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެކި ބަލިތަކަށް ފަރުވާއަށް އެދުނު 6،366 މީހުންގެ ތެރެއިން 6،216 މީހަކު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިބަލިތަކުގެ ތެރޭގައި ހިމެނޭ މީހުންނާއިއެކު ޚާއްސަ ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް އެދުނު، 1،787 މީހުންގެ ތެރެއިން 1،141 މީހަކު ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދައްކާފައިވެއެވެ.