ކުރިޔަށް އޮތް ދިރާސީ އަހަރު ރާއްޖޭގެ ތަޢުލީމީ ނިޒާމުން، ފެންވަރު ރަނގަޅު ބޮޑު ބަދަލުތަކެއް ފެނިގެންދާނެ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވެއްޖެއެވެ.ނިމިގެން މިދާ އަހަރު ތަޢުލީމީ ދާއިރާއިން ރާއްޖެއަށް ހޯދިފައިވާ ކުރިއެރުންތަކާއި 2016 ގެ ދިރާސީ އަހަރަށް ކުރައްވާ ތައްޔާރީތަކާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ނަޒީރު ވިދާޅުވީ، އަންނަ އަހަރަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ތައުލީމީ ވުޒާރާއިން ޚާއްޞަ އަހައްމިޔަތުކަމެއް ދެއްވާނެ އަހަރެއްކަމުގައެވެ. އެގޮތުން އެންމެ ބޮޑު އަމާޒަކަށްވާނީ މީހުން ބިނާކުރެއްވުމާއި ވަޞީލަތްތައް ހަމަކޮށްދެއްވުންކަމަށް ނަޒީރު ވިދާޅުވިއެވެ.ސްކޫލްތަކުގެ މަރާމާތާއި ޓެކްސްޓް ފޮތް ހަމަކުރުންފަދަ ކަންކަން މިހާރު ކުރިއަށްދާކަމަށާއި، އަންނަ ދިރާސީ އާއަހަރު ފެށޭއިރު، މިހުރިހާ ކަމެއް ފުރިހަމަވެގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އަބްދުލް މުޙްސިން ވިދާޅުވިއެވެ.އެޑިއުކޭޝަން މިނިސްޓަރގެ ނައިބު ޝެރީނާ ޢަބްދުއްޞަމަދު ވިދާޅުވީ، އަތޮޅު ސްކޫލުތަކުން މާލޭގެ ސްކޫލްތަކަށް ދަރިވަރުން ބަދަލުވާން އެދުނު ހުރިހާ ޢާއިލާތަކަށް ފުރުޞަތުދެއްވުމުގެ ކަންކަން މިހާރު ނިމުމަކާ ކައިރިވެފައިކަމަށެވެ. އަދި މިފަހަރު ސްކޫލްތަކަށް ކުދިން ބަދަލުކުރެއްވުމުގެ ކަންކަން ގެންދެވުމުގައި އާންމުން ހިންހަމަޖެހޭ ގޮތަށް ހައްދަވައިދެއްވުމަށް އިސްކަންދެއްވިކަމަށްވެސް މިނިސްޓަރގެ ނައިބް ވިދާޅުވިއެވެ.ދަރިވަރުންނަށް ސްކޫލްތަކުން ޖާގަ ހޯދައިދިނުމަށް ޢާއިލާތަކުން ބޭނުންވާ ގޮތްތަކަށް ބަލާއިރު، ރާއްޖޭން ބޭރުގައި ތަޢުލީމް ޙާޞިލުކުރަމުން އައި 30 ކުއްޖަކު މިފަހަރު މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވެއެވެ. އަދި މާލޭގައި ހުރި އިންޓަރ ނޭޝަނަލް ސްކޫލްތަކުން ސަރުކާރު ސްކޫލްތަކަށް 138 ކުއްޖަކު ބަދަލުވެފައިވެއެވެ. މީގެ އިތުރުން، އަތޮޅުތަކުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން އެދިފައިވާ 800 އެއްހާ ކުދިންނަށްވެސް އެފުރުޞަތު ދެވިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއްވިއެވެ.ޕްރީސްކޫލްތަކުން ގްރޭޑް އެކަކަށް ބަދަލުވާ ދަރިވަރުނާއެކު ގާތްގަނޑަކަށް 3200 ދަރިވަރުން މިފަހަރު މާލޭގެ ސްކޫލްތަކަށް ބަދަލުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ލަފާކުރައްވައެވެ. އަންނަ ދިރާސީ އަހަރު ފެށެނީ 13 ޖެނުއަރީ 2016 ގައެވެ.