ވިޔަފާރި

އެމްޕީއެލްގެ ގިނަ ޚިދުމަތްތައް އޮޓޮމޭޓް ކުރަނީ

އެމްޕީއެލްގެ އީއާރްޕީ ސޮފްޓްވެއަރ އަޕްޑޭޓްކޮށް އަމިއްލައަށް މިހާރު ކުރަންޖެހޭ ގިނަ މަސައްކަތް އޮޓޮމޭޓް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އެމްޕީއެލްއިން މިހާތަނަށް ބޭނުން ކުރަމުންއައި އެންޓަޕްރައިޒް ރިސޯސް ޕްލޭނިންގް (އީއާރްޕީ) ސްފްޓްވެއަރ، އޮރަކަލް ކުންފުނީގެ ފިއުޝަން ކްލައުޑު (އީއާރްޕީ) ސޮފްޓްވެއަރއަށް ބަދަލުކޮށްފައި ވާކަން އެކުންފުނިން ވަނީ ހާމަކުރައްވާފަވެ. މިއާއެކު ގިނަ ޚިދުމަތްތަކުގެ ސްޕީޑް އަވަސްވެ، ޚަރަދުގެގޮތުން ކުންފުންޏަށް ލުއިތަކެއް ލިބިގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އޮރަކަލް ސޮފްޓްވެއަރ ބޭނުން ކުރަން ފެށުމާގުޅޭގޮތުން ކުންފުނީގެ ސީއީއޯ ޝާހިދު ޢަލީ، ވިދާޅުވީ މެނުއަލްކޮށް މިހާރު ދެމުންއަންނަ ގިނަ ޚިދުމަތްތައް އޮޓޮމޭޓްވެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން އަންނާނެ ކަމަށެވެ.

ޕޯޓްތަކާއެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ އޮރަކަލް ސޮފްޓްވެއާރ ބޭނުން ކުރަން ފެށުމާއެކު ގިނަ ލުއިފަސޭހަތަކެއް ލިބިގެން ދާނެކަމަށް އެކުންފުނިން ފާހަގަ ކުރައްވައެވެ. މިހާތަނަށް ބޭނުން ކުރަމުން އަންނަ ސޮފްޓްވެއަރ އަކީ މެއިންޓެއިން ކުރުމަށް އުނދަގޫ ސޮފްޓްވެއަރއެއް ކަމަށާ، ބަދަލެއް ގެންނަން ޖެހުނަސް އެމަސައްކަތް ކުރަން އުނދަގޫ ސޮފްޓްވެއަރއެއް ކަން އެކުންފުނިން ފާހަގަ ކުރައްވައެވެ.

ނަމަވެސް އޮރަކަލް ކުންފުނީގެ ސޮފްޓްވެއާއި އެކު، ކޮންމެ 90 ދުވަހުން އާ ފީޗާސްތަށް ލިބޭނެކަމަށް އެމްޕީއެލް އިން ފާހަގަ ކުރައްވައެވެ. މި ސޮފްޓްވެއަރ ލައިވް ކުރެވި އެންމެ ފުރިހަމައަށް ބޭނުން ކުރެވެން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.