ޚަބަރު

މުއްރަތުގެ މައްސަލަ ޕީޖީން ސުޕްރީމް ކޯޓަށް ހުށައަޅައިފި


ޤާނޫނީ ވަކީލް އަޙްމަދު ނަޖީބް މަރާލި އަޙްމަދު މުއްރަތު މެރުމަށް ދަށުކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ތާއީދްކުރި މައްސަލަ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ސުޕްރީމްކޯޓްގައި އިސްތިއުނާފްކުރައްވައިފިއެވެ.ނަޖީބް މަރާލި މައްސަލާގައި މުއްރަތުގެ ކިބައިން މަރަށް މަރު ހިފުމަށް ދަށުކޯޓުން ކުރި ޙުކުމަށް ބަދަލު ގެންނަވަން ޖެހޭ އެއްވެސް ޤާނޫނީ ހަމައެއް ނެތްކަމަށް ނިންމަވާ ހައިކޯޓުން އެ ނިންމެވުމަށް ތާއީދްކުރައްވާފައިވެއެވެ. ހައިކޯޓްގެ ޙުކުމްގެ ޞައްހަކަން ކަށަވަރުކުރުމަށް ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައި މިވަނީ ހައިކޯޓް ނިންމުން އިސްތިއުނާފްކުރުމަށް މުއްރަތަށް ލިބުނު މުއްދަތުގެ ތެރޭގައި އެނާ އިސްތިއުނާފް ނުކުރުމުންނެވެ.މަރުގެ ޙުކުމް އިއްވާފައިވާ ފަރާތަކުން އެ މައްސަލަ 10  ދުވަހުގެ ތެރޭގައި އިސްތިއުނާފްނުކޮށްފިނަމަ ޕީޖީ  އޮފީހުގެ ފަރާތުން އެ މައްސަލައެއް އިސްތިއުނާފް ކުރައްވަން ޖެހިވަޑައިގަންނަވާނެކަމަށް ދާދި ފަހުން ސުޕްރީމްކޯޓުން ކަނޑައަޅުއްފައިވެއެވެ. ޑރ އަފްރާޝީމް މަރާލި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ ހުސެއިން ހުމާމް މެރުމަށް ކުރި ޙުކުމް އޭނާގެ ފަރާތުން އިސްތިއުނާފްނުކުރުމުން ޕީޖީ އޮފީހުން އެ މައްސަލަވެސް ސުޕްރީމްކޯޓަށް ހުށައަޅުއްވާފައިވެއެވެ.