ޚަބަރު

ނިއުޕޯޓު ބިން ހަވާލުކޮށް 1 މިލިއަން ރުފިޔާ ދައްކަން ކުރި ޙުކުމަށް ހައިކޯޓުން ތާޢީދުކޮށްފި


ބުރިިޖް ޕްލެޓްފޯމް ސަރަހައްދުގައި ސްޓްރާޑާ އިން ހިންގި ނިއުޕޯޓް ހުރި ބިން ހުސްކޮށް ބިމުގެ ކުލީގެ ގޮތުގައި އެއްމިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ޙުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ.

ނިއުޕޯޓު ހުރި ބިން ހަވާލުކޮށް އެއްމިލިއަން ރުފިޔާ ދައްކަން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 26ގައި ސިވިލް ކޯޓުން ކުރި ޙުކުމް ސްޓްރާޑާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ އިއްޔެ ޢިއްވި ޙުކުމުގައި ބުނެފައިވަނީ މިމައްސަލަ އިސްތިއުނާފުކުރުމަށް ސްޓްރާޑާއިން ހުށަހެޅި ނުކުތާތަކަށް ބަލާއިރު ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލުކޮށްފައިވަނީ، އެއްބަސްވުމާއި އެއްގޮތަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމާއި، އެނިންމުން ބިނާކުރި ސަބަބުތައް ޞައްޙަ ނޫންކަމަށް ބަލަންޖެހޭފަދަ ސަބަބެއް އިސްތިއުނާފު ކުރެވުނު ޤަޟިއްޔާގައި ސްޓްރާޑާގެ ފަރާތުން ހުށަހެޅިފައި ނުވާކަމަށެވެ.

އެހެންކަމުން، ސިވިލް ކޯޓުން ނިންމި މައްސަލަ އިސްތިއުނާފު ކުރުމަށް ސްޓްރާޑާގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ރިޢާޔަތްކޮށް އެޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭތަނެތް ކަމަށް ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުންވަނީ ޙުކުމް ކޮށްފައެވެ.

ކުރީގެ ސަރުކާރުން ލޮނުޒިޔާރަތްކޮޅުގައި ބްރިޖް އެޅުމުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު އެތަނުގައި ޕްލެޓުފޯމަކާއެކު، ކާތަކެތި ވިއްކާތަނެއް ހެދުމަށް ސްޓްރާޑާ ކުންފުންޏާއި ޕްލޭނިން މިނިސްޓްރީން ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. މި އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާ އޮވެއްޖެ ނަމަ، އެއްބަސްވުން ބާތިލު ކުރުމުގެ އިޚްތިޔާރު ވެސް މިނިސްޓްރީއަށް އޮތީ ލިބިދީފައެވެ.

ހައުސިންގ މިނިސްޓްރީއާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާ ދެމެދު 22 ޑިސެމްބަރ 2016 ގައި ވެފައިވާ އެއްބަސްވުން 2019ވަނަ އަހަރުގެ މާރޗް މަހުގެ 7 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ ބާތިލްކޮށްފައިއެވެ. އެ އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމާ އެއްގޮތައް ދައްކަންޖެހޭ ކުއްޔާއި، ޖޫރިމަނާގެ ފައިސާ ނުދައްކާ އޮވެ، ކުލި ދައްކަންޖެހޭ މަސް ނިމުމުން، ހައުސިން މިނިސްޓްރީއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުންކަން އެނގެން އޮންނަ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ.

ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ އެއްބަސްވުމާއި އެއްގޮތައް ފައިސާ ދައްކަމުން ގޮސްފައިނުވާތީ ޕްލެޓްފޯމް ހެދުމަށް ހަވާލުކުރި ސްޓްރާޑާޕްރައިވެޓް ލިމިޓެޑުން އެތަނުގެ ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 1,149.271 (އެއް މިލިއަން އެއް ލައްކަ ސާޅީސް ނުވަ ހާސް ދުއިސައްތަ ހަތްދިހަ އެއް ރުފިޔާ) 15 ދުވަހުގެ ދައްކާ ޚަލާސްކުރަންޖެހޭނެކަމަށެވެ.

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދިޔަ ބްރިޖްވިއުއިންގ ޕްލެޓްފޯމް ޕްރޮޖެކްޓް މައްސަލައިގައިކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒާއި، އޭރުގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަބީބުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި މިމަހުގެ 7ވަނަ ދުވަހު އޭސީސީންވަނީ ޕީޖީ އޮފީހަށް ހުށަހަޅާފައެވެ.