ޚަބަރު

ޓޮޕް ޓެން ޖަލްސާ އަންނަ އާދިއްތަ ދުވަހު: ހުރިހާ ދަރިވަރުންނަށްވެސް ސްޓޭޖްމަތިން އެވޯޑް ދޭނެ


2019 ވަނަ އަހަރުގެ އޭލެވެލް އިން ގަދަ 10 އެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ޖަލްސާ އަންނަ ހަފްތާގެ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިހާނު "ޓޮޕް އެޗީވާރސް" ޖަލްސާ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ 8:00 ޖަހާއިރު އަމީނިއްޔާ ސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

ކޮންމެ އަހަރަކުވެސް އޭލެވެލްގެ ގަދަ 10 އެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމަށް ޚާއްސަ ހަފްލާއެއް ބާއްވައެވެ. އެހެންނަމަވެސް މި ވޭތުވެދިޔަ އަހަރު ކޯވިޑް އާ ގުޅިގެން މި ހަފްލާ ބާއްވާފައެއް ނުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ނިންމީ އޯލެވެލް އާއި އޭ ލެވެލް އިން ހަމައެކަނި އެއް ވަނަ ހޯދި ދަރިވަރުންނާއި ވަކިވަކި މާއްދާތަކުން ރާއްޖެ އާއި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމަށް ހަފްލާއެއް ބޭއްވުމަށެވެ. އަދި ދެ ވަނައިން ފެށިގެން 10 ވަނައިގައި ހިމެނުނު ދަރިވަރުންނާއި އެހެން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދޭން ފުރަތަމަ ހަމަޖެއްސީ މިއަހަރުގެ މާރޗްމަހުގެ ތެރޭގައެވެ.

އެހެންނަމަވެސް ހަމައެކަނި އެއްވަނައިގައި ހިމެނޭ ދަރިވަރުންނަށް އެވޯޑު ދޭން ނިންމި ނިންމުމާ ދެކޮޅަށް ދަރިވަރުންވަނީ ޕެޓިޝަނެއް ތައްޔާރުކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިފަހަރުވެސް ޓޮޕް 10 ގައި ހިމެނޭ ހުރިހާ ދަރިވަރުންނަށް ސްޓޭޖް މަތިން އެވޯޑް ހަވާލުކުރާނެކަމަށެވެ.

2019 ވަނަ އަހަރު އޭލެވެލް އިމްތިހާންގައި 48 ސެންޓަރަކުން 1500 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.