ޚަބަރު

ސަރުކާރު ޕްރީ ސްކޫލެއް ހުޅުމާލޭގައި މިމަހު 24ގައި ހުޅުވަނީ: މިހާރު ރަޖިސްޓްރީކުރެވޭނެ


ހުޅުމާލޭގައި ހިންގުމަށް ހަމަޖެހިފަވާ ސަރުކާރު ޕްރީ ސްކޫލް "މުޙައްމަދު ޤާސިމް ޕްރީ ސްކޫލް"އަށް ދަރިވަރުން ވެއްދުމުގެ މުއްދަތު އެޑިއުކޭޝަން މިނިސްޓްރީއިން އިތުރުކޮށްފިއެވެ. މިއީ 750 ކުދިންގެ ޖާގައިގެ ޕްރީ ސްކޫލެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިމަހުގެ 24ވަނަ ދުވަހު ޕްރީ ސްކޫލްގެ ކިޔެވުން ފެށުމަށް ނިންމާފައިވާކަމަށެވެ. މިއީ މިއަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓަރމްގެ ސެމިސްޓަރ ބްރޭކަށްފަހު އަލުން ކިޔެވުން ފަށާ ދުވަހެވެ.

މި ޕްރީ ސްކޫލް ހިންގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެތަން ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ހަތަރު ފަހަރެއްގެ މަތިން އިއުލާންކުރުމަށްފަހު، ފަހުން ނިންމާފައިވަނީ ސީދާ މިނިސްޓްރީގެ ދަށުން އެސްލޫލް ހިންގުމަށެވެ.

ޕްރީ ސްކޫލްގެ ކިޔެވުން މިމަހުގެ 24ވަނަ ދުވަހު ފެށުމަށް ނިންމާ، ސްކޫލަށް ދަރިވަރުން ރަޖިސްޓްރީކުރުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ މިމަހުގެ 14ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރުވަނީ ވަކި މުއްދަތެއް ނެތްގޮތަށް މި ފުރުޞަތު ހުޅުވާލާފައެވެ.

ޕްރީސްކޫލްގެ ކިޔެވުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިނިސްޓްރީން މިހާރުވަނީ ފަށާފައެވެ. އެގޮތުން އިމާރާތުގެ މަރާމާތުތައް 45 ދުވަހުގެތެރޭގައި ނިންމުމަށް ކުންފުންޏަކާ ހަވާލުކުރީ އޮގަސްޓްމަހުގެ ތެރޭގައެވެ.

މުޙައްމަދު ޤާސިމް ޕްރީ ސްކޫލްގައި 10 ކްލާސްރޫމް ހިމެނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދޭގޮތުގައި މި ޕްރީ ސްކޫލަކީ 750 ކުދިންގެ ޖާގައިގެ ޕްރީ ސްކޫލެކެވެ. ސްކޫލްގައި 20 ޓީޗަރުން ކިޔަވައިދޭނެއެވެ.

ސްކޫލްގައި ކުރިއަށްގެންދާނީ އެލް.ކޭ.ޖީ އާއި ޔޫ.ކޭ.ޖީގެ ކްލާސްތަކެވެ. މިނިސްޓްރީން ވިދާޅުވީ މި ޕްރީ ސްކޫލަށް ވައްދާ ދަރިވަރުންގެ ޔުނިފޯމްގެ ގޮތުގައި، މިހާރު ދަރިވަރު ކިޔަވަމުންދާ ސްކޫލްގެ ޔުނިފޯމް މިއަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ. އަދި ބެލެނިވެރިން ބޭނުންނަމަ، ސްކޫލް ފެށޭއިރު "މުޙައްމަދު ޤާސިމް ޕްރީ ސްކޫލް"ގެ ޔުނީފޯމްވެސް ބޭނުންކުރެވޭނެކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ ސްކޫލްގެ ދަންފަޅިތައް ހަމަޖައްސާނީ ގްރޭޑްތަކަށް ދަރިވަރުން ރަޖިސްޓްރީވާ ނިސްބަތުންކަމަށެވެ.

އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ މި ޕްރީ ސްކޫލްގައި، މިއަހަރުގެ ދިރާސީ އަހަރު ފެށި އިރު ކިޔަވައިދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ކޯވިޑްގެ ޙާލަތާ ގުޅިގެން އެތަން ފްލޫ ކްލިނިކެއްގެ ގޮތުގަ ބޭނުންކުރިއެވެ. ކޮމްޕިއުޓަރ ރޫމަކާއި ހޯލަކާއި ސްޓާފް ރޫމެއްވެސް ހިމެނޭ ގޮތަށް ހެދި ޕްރީ ސްކޫލް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޭނުންކުރީ ކެމްޕެއިން ޖަގަހައެއްގެ ގޮތުގައެވެ.