އެކްސްޕޯ މޯލްޑިވްސް ދެހާސްފަނަރައިގެ
އެންމެ މަތިން މާކްސް ލިބޭ 5 ފަރާތަށް އިކޮނޮމިކް މިނިސްޓްރީން ދޫކުރައްވާ
އެސް.އެމް.އީ ލޯނު ދެއްވާގޮތަށް މައުރަޒު އޮފީހުން ނިންމަވައިފިއެވެ.
މައުރަޒު އޮފީހުން މައުލޫމާތުދެއްވިގޮތުގައި އެކްސްޕޯ
މޯލްޑިވްސްގެ އުފެއްދުންތަކަށް އިންސާފުކުރުމުގެ މަސައްކަތް ބުދަ ދުވަހުގެ ނިޔަލަށް
ނިންމާލެވޭނެއެވެ. އެކްސްޕޯ މޯލްޑިވްސްގައި ތިންހާހަށްވުރެ ގިނަ ތަކެތި
ބައިވެރިކޮށްފައިވާއިރު މި އުފެއްދުންތަކަށް އިންސާފުކުރެއްވުމުގެ މަސައްކަތް ކުރާ
ފަރާތްތަކަށްވަނީ ޚާއްޞަ ތަމްރީނުތަކެއްވެސް ދެއްވާފައެވެ. މީގެ އިތުރުން އިންސާފުކުރެއްވުމުގެ
މަސައްކަތް ކުރިއަށްދާނީ އެކަމަށް ބޭނުންކުރާ ޚާއްޞަ ސޮފްޓްވެއަރ އެއް
ބޭނުންކޮށްގެނެވެ.
މައުރަޒުގައި އުފެއްދުންތައް ބައިވެރިކުރުމަށް ޖުމުލަ
65 ދާއިރާ ކަނޑައެޅި ނަމަވެސް ޖަޖް ކުރެވޭވަރަށް ތަކެތި ހުށަހަޅާފައިވަނީ 35
ކެޓަގަރީ އަކުން ކަމަށް މައުރަޒު އޮފީހުން މައުލޫމާތުދެއްވައެވެ.
މައުރަޒުން އެންމެ މަތީމާކްސް ލިބޭ ފަސް ފަރާތެއް އެސްއެމްއީ
ލޯނަށް ޝަރުތު ހަމަވާއިރު، އެސްއެމްއީ ލޯނުގެ ތެރެއިން ދޫކުރާ އެންމެ މަތީ ލޯން
ލިބުމުގެ ފުރުޞަތުވެސް ލިބޭނެއެވެ. އެއީ ގާތްގަޑަކަށް ފަސްލައްކަ ރުފިޔާއެވެ. މީގެ
އިތުރުން މައުރަޒަށް އަންނަ ފަރާތްތަކުގެ މެދުގައި ކޮންމެ ދުވަހަކު ނެގޭ ލަކީ ޑްރޯއެއްގައި
އެކި އެކި އަގުހުރި އިނާމްތައް ލިބިގެންދާނެއެވެ. އަދި މައުރަޒު ނިންމާ މައުރަޒަށް
ޒިޔާރަތްކުރި ހުރިހާ ފަރާތްތަކެއްގެ މެދުގައި ނަގާ ލަކީ ޑްރޯގެ އިނާމެއްގެ
ގޮތުގައި އެމްޓީސީސީން ހުށަހަޅާ ތިރީސް ހާސް ރުފިޔާގެ އިންޖީނެއްވެސް
ލިބިގެންދާނެކަމަށް މައުރަޒު އޮފީހުން މައުލޫމާތުދެއެވެ.
މިމަހުގެ 22 ން 28 އަށް ދަރުބާރުގޭގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ
އެކްސްޕޯ މޯލްޑިވްސް ދެހާސް ފަނަރައިގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވަނީ
މިމަހުގެ 22 ވަނަދުވަހުގެ ރޭ ކަމަށް މައުރަޒު އޮފީހުން މައުލޫމާތުދެއްވައެވެ. އާއްމުންނަށް
މައުރަޒު ދައްކާލުން އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެނެވެ.