ޚަބަރު

ފުލުހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތްކުރޭ


އޮޅުވާލައިގެން ބެންކު
އެކައުންޓުގެ މައުލޫމާތު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަމުގައި އާއްމު
ރައްޔިތުންނަށް ގުޅަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.



ފުލުހުން ވިދާޅުވީ މަކަރާ ހީލަތުން
ފައިސާ ހޯދަން މަސައްކަތްކުރާ ބައެއް މީހުން ދަނީ، ފުލުހުންގެ އެކި ތަހްޤީޤީ
ޑިޕާޓްމަންޓުތަކާއި ޕޮލިސް ސްޓޭޝަންތަކުގެ ނަމުގައި ރައްޔިތުންނަށް ގުޅަމުންދާކަމަށެވެ. މިގޮތަށް ގުޅާ ފަރާތްތަކުން
ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން އެއީ ފުލުހުންގެ އިދާރާއިން ކަމަށާއި،
ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ބެންކު އެކައުންޓުގެ މައުލޫމާތު
ބޭނުންވާ ކަމަށް ބުނެ އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާގެ މުޢާމަލާތްތައް
ހިންގަން މަސައްކަތްކުރާކަމަށް ފުލުހުން ވިދާޅުވެއެވެ.





ފުލުހުން ވިދާޅުވީ، ތަޙުޤީޤު ކުރާ
މައްސަލަތަކާ ގުޅިގެން ނުވަތަ ފުލުހުންގެ އިދާރާގެ އެއްވެސް ޑިޕާޓްމަންޓަކުން ނޫނީ
އެއްވެސް ޕޮލިސް ސްޓޭޝަނަކުން ރައްޔިތުންނަށް ފޯނުން ގުޅައި އެއްވެސް ބޭފުޅެއްގެ
ބޭންކުގެ ކާޑު ނަމްބަރު ނޫނީ އެކައުންޓް ނަމްބަރުފަދަ މަޢުލޫމާތު ނުހޯދާނެކަމަށެވެ.
އަދި ފުލުހުންގެ ތަޙުޤީޤު ބޭނުމަށް އެއްކުރާ އެފަދަ މަޢުލޫމާތު ހޯދާނީ އެކަމަށް
ބޭނުންވާ މީހަކު ފުލުހުންގެ އިދާރާއަށް ނޫނީ ފުލުހުންގެ މަރުކަޒަކަށް
ހާޒިރުކޮށްގެންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.



މިދުވަސްވަރަކީ ނުދަންނަ
ނަމްބަރުތަކުން ތަފާތު ޕްރޮމޯޝަންތަކުގެ ނަމުގައާއި އެކި އެކި މުއައްސަސާތަކުގެ
ނަމުގައި ގުޅައިގެން، އެކި މީހުންގެ ބެންކް އެކައުންޓާއި ގުޅޭ މައުލޫމާތު އޮޅުވާލައިގެން
ހޯދުމަށް މަސައްކަތްކުރާ މީހުންގެ މައްސަލަތައް ގިނަ އަދަދަކަށް ފުލުހުންނަށް
ހުށައަޅަމުންދާ ދުވަސްވަރެއްކަން ފުލުހުން ފާހަގަކުރަށްވައެވެ.  



އެހެންކަމުން އެއްވެސް ބޭފުޅަކު،
އެބޭފުޅެއްގެ އެކައުންޓުގެ މަޢުލޫމާތު، ކާކުކަން ކަށަވަރު ނުވާ އެއްވެސް މީހަކަށް
އަދި އެއްވެސް މުއައްސަސާއެއްގެ ނަމުގައި ނޫނީ ކުންފުންޏެއްގެ ނަމުގައި ގުޅާ
މީހަކަށްވެސް ނުދެއްވުމަށް ފުލުހުން އިލްތިމާސްކުރަށްވައެވެ.