ކަލައިދޫ ބަނދަރުގެ ދަތިކަމާއި ކައުންސިލް އިދާރާ ބާވެ ދުވަސްވެފައިވާތީ އެކަމުގެ ކަންބޮޑުވުންތައް އެރަށުން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހައްދުންމަތީ ކަލައިދޫ ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ކަލައިދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައި އެކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކަލައިދޫ ބަނދަރުގެ ދަތިކަމާއި ކައުންސިލު އިދާރާ ބާވެ ދުވަސްވެފައި ވުމާއި އަދި ސްކޫލުގެ އުމްރާނީ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތަކާއި އަދި ރަށުގެ އިޤްތިޞާދީ އިޖްތިމާޢީ ތަރައްޤީއަށް މުހިންމު ކަންކަން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަލައިދޫގެ ތަރައްޤީއަށް ކުރިޔަށްގެންދަވާ އަދި ކުރިޔަށް ގެންދެވުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ބައެއް ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ރޭވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވެސް ބައްލަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.