ގއ.ކޮނޑޭގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ޢިމާރާތްކުރުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ. މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކޮނޑޭގައި ޢިމާރާތްކުރާ މިސްކިތަކީ އެހެން މިސްކިތްތަކާއި ޚިލާފަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މިސްކިތެއްކަމަށެވެ. އެގޮތުން ޢާއްމުގޮތެއްގައި ރާއްޖޭގެ މިސްކިތްތައް ފަރުމާކުރުމުގައި މިސްކިތުގެ އެތެރޭގައި ހުންނަ ތަނބުތައް މިމިސްކިތުގެ ފަރުމާގައި ނުހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އާބާދީގައި 600 މީހުން ދިރިއުޅޭ ކޮނޑޭގައި ތަރައްޤީކުރާ މިމިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމުމަށް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 7.6 މިލިއަން ރުފިޔާއަށެވެ. މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ. އަމޭން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުރުޝިދާ ޢަލިމަނިކެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި އާބާދީ ކުޑަނަމަވެސް އެރަށްރަށުގައިވެސް ޚިދުމަތްތައް ފުޅާކޮށް ވަޞީލަތް ހަމަކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން މިވަގުތުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.