ޚަބަރު

އައު ފެށުމަކުން ފަށަން ޠާލިބާނުންނާއި އެމެރިކާއިން މަޝްވަރާކޮށްފި


ދެ ޤައުމުގެ ދެމެދުގައި ހީނަރުވެފައިވާ ގުޅުންތައް އިޔާދަކޮށް ބަދަހިކުރުމަށް އަފްޣާނިސްތާނާއި އެމެރިކާއިން މަޝްވަރާކޮށްފައެވެ.

އޮގަސްޓު މަހުގެ 15ވަނަ ދުވަހު ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ގެނައުމުން އެ ޤައުމުގެ މުދަލާއި ފައިސާ އެމެރިކާއިންވަނީ ހިފަހައްޓައިފައެވެ. އަދި އޭގެ 15 ދުވަސް ފަހުން އެމެރިކާގެ އަސްކަރީ ފައުޖުތައްވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ. އެއާއެކު އަފްޣާނިސްތާނުގައި ޠާލިބާނުންގެ ސަރުކާރެއްވަނީ ޤާއިމުކޮށްފައެވެ. ނަމަވެސް ޠާލިބާނުންގެ ވެރިކަން ޤަބޫލުކުރުމަށް ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޤައުމުކަމަށްވާ އެމެރިކާއިންވަނީ ދެކޮޅުހަދައިފައެވެ.

ޠާލިބާން ޖަމާޢަތާއި އެމެރިކާގެ ވަފުދަކާ ދެމެދު ޤަޠަރުގައި ކުރިޔަށްދާ މަޝްވަރާތަކުގައި ހީނަރުވެފައިވާ ގުޅުންތައް އިޔާދަކޮށް ބަދަހިކުރުމަށްވަނީ ވާހަކަދައްކައިފައެވެ. އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު މުއްލާ އަމީރު ޚާން މުއްތަޤީ ވިދާޅުވީ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފޯރުކޮށްދޭނެކަމަށް ވަޢުދުވެފައިވާ އިންސާނީ އެހީތެރިކަން އެ ޤައުމަށް ލިބޭނެކަން ކަށަވަރުކުރުމާއި ޠާލިބާނުންނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރުމުގައި ދެމިތިބުމަށްކަމަށެވެ. އަދި އަފްޣާނިސްތާނުގެ ރައްޔިތުންނަށް ބޭނުންވާ ކޯވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން ހުށަހަޅާފައިވާކަމަށާއި އެމެރިކާއިން ހިފަހައްޓާފައިވާ އަފްޣާނިސްތާނުގެ މުދަލާއި ފައިސާ ދުކޮށްލުމަށް ޠާލިބާނުން އެދިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޠާލިބާނުން ބުނެފައިވާ ގޮތުގައި އެ ޖަމާޢަތުގެ ވަފުދެއް ވިލާތުގެ އިއްތިޙާދުގެ މަންދޫބުންނާ ބައްދަލުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.