ކުޅިވަރު

ދިވެހި ސަޕޯޓަރުން ދަނޑު ފުރާލުމަށް އަޝްފާޤު އެދިއްޖެ


އުރީދޫ ސާފް ޗެންޕިއަންޝިޕްގައި މިއަދު ހަވީރު ދިވެހި ރާއްޖެއާއި، ސްރީލަންކާ ބައްދަލު ކުރާ މެޗުގައި ދިވެހި ސަޕޯޓަރުން ގަލޮޅު ދަނޑު ފުރާލުމަށް ރާއްޖޭގެ އިތުބާރު ފޯވާޑު އަލީ އަޝްފާގު އެދިއްޖެއެވެ.

މެޗަށް ވަގުތު ކުޑަތަން ވެފައިވާއިރު، އަޝްފާޤު ކުރި ޓްވީޓުގައި ބުނެފައިވަނީ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗަށް ދިވެހި ސަޕޯޓަރުން ވަދެ ދަނޑު ފުރާލުމަކީ ޓީމުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ކަން ދިމާކުރި ގޮތުން މިފަހަރު ދަނޑަށް ސަޕޯޓަރުންނަށް ވަދެވޭ އަދަދު މަދު ނަމަވެސް އެންމެހާ ސަޕޯޓަރުން ގައުމީ ޓީމާއެކު އެބޭފުޅަކު ހުންނެވި ހިސާބަކުން ޓީމަށް ހިތްވަރު ދިނުމުގައި ތިއްބެވުމަށް އަޝްފާޤު ވަނީ އެދިފައެވެ. އަދި، ދިވެހި ސަޕޯޓަރުންގެ ހެޔޮ ދުއާ ގައުމީ ޓީމާއެކު ވާނެ ކަމަށް އުންމީދުކުރާ ކަމުގައި އަޝްފާޤު ވަނީ ބުނެފައެވެ.

ގައުމީ ކޯޗް ސުޒޭންވެސް ވަނީ އެންމެ ފަހުން ރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރި މެޗުގައި ސަޕޯޓަރުން ދިން ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ. އަދި މިއަދު އޮތް ލަންކާ މެޗްގައި ވެސް ހަމައެގޮތަށް ސަޕޯޓްކޮށްދިނުމަށް އެދިފައެވެ. އަދި މިއަދު މެޗަށް ދަނޑަށް ވަންނަން ބޭނުންވާ އެންމެންނަށް ދަނޑަށް ނުވަދެވުނަސް، އެންމެވެސް ޓީމުގެ ފަހަތުގައި ތިބުމަށް ސުޒޭންވަނީ އެދިފައެވެ. އަދި ގައުމީ ޓީމުން ސަޕޯޓަރުން މާޔޫސްވިޔަ ނުދޭނެކަމަށްވެސް ސުޒޭން ވަނީ ބުނެފައެވެ.

އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއާއި ލަންކާ ވާދަކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4 ޖަހާއިރުއެވެ. މިމެޗް ޕީއެސްއެމްގެ ޔެސް ޓީވީއިން ވަގުތުން ގެނެސްދޭނެއެވެ. އަދި ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.