ވިޔަފާރި

ބީއެމްއެލްގެ ބޮޑެތި އިންވެސްޓްމަންޓްތަކެއް ހުޅުމާލެއަށް


ހުޅުމާލެއަށް އަންނަމުންދާ އުމްރާނީ އަދި ޢިޤްތިސާދީ ތަރައްޤީގައި ބައިވެރިވުމުގެ ގޮތުން ބޮޑެތި ގިނަ އިންވެސްޓްމެންޓް ތަކެއް، ބޭންކް އޮފް މޯލްޑިވްސް އިން ހުޅުމާލޭގައި ކުރުމަށް ނިންމަވާފައިވާ ކަމަށް އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވެއްޖެއެވެ.ބީއެމްއެލްގެ ފަރާތުން ސީއީއޯ މިކަން ޢިއުލާނު ކުރެއްވީ އެކުންފުނިން ހުޅުމާލޭގައި އަލަށް ތަރައްޤީކުރި ބްރާންޗާއި ސެލްފް ސާވިސް އޭޓީއެމްގެ ޚިދުމަތް އިފްތިތާހް ކުރެއްވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.ބީއެމްއެލްގެ ފަރާތުން ހުޅުމާލެއަށް ހާއްސަކޮށްފައިވާ އިންވެސްޓްމެންޓް ތަކުގެތެރޭގައި، 1 ބިލިއަން ރުފިޔާގެ ހޯމް ފައިނެންސް ފަންޑެއް ޤާއިމް ކުރުން ހިމެނޭކަމަށް ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ވިދާޅުވިއެވެ. މި ފަންޑުގެ ސަބަބުން ހުޅުމާލެއިން ބޯހިޔާވަހިކަން ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ވެގެން ދާނެކަމަށް ބޭންކުން މަޢުލޫމާތު ދެއްވައެވެ.މީގެ އިތުރުން ހުޅުމާލޭގެ ވިޔަފާރިތަކަށް އެހީވުމަށް އަންނަ އަހަރު އެބޭންކްގެ ބިޒްނަސް ސެންޓަރެއް ހުޅުމާލޭގައި ޤާއިމް ކުރެވޭނެ ކަމަށް އެންޑްރޫ ވިދާޅުވިއެވެ.އެންޑްރޫ ވިދާޅުވީ ހުޅުމާލޭގައި އަލަށް ހުޅުވިގެންދިޔަ އިމާރާތާއި އޭޓީއެމް ސެންޓަރަކީ ބީއެމްއެލް އިން ހުޅުމާލޭގައި ކުރުމަށް ނިންމާފައިވާ އިންވެސްޓްމެންޓް ތަކުގެ ފެށުން ކަމަށެވެ. އަދި އަންނަ 2016 ވަނަ އަހަރަކީ ބޭންކުގެ ޚިދުމަތްތަށް ހުޅުމާލޭގައި ފުޅާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާނެ އަހަރަކަށް ވެގެންދާނެ ކަމަށް އެންޑްރޫ ވިދާޅުވިއެވެ. ފަހަކަށް އައިސް ބޭންކް އޮފް މޯލްޑިވްސްއިން އަންނަނީ ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ ގިނަ މަޝްރޫޢު ތަކެއްގައި ހިއްސާވަމުންނެވެ. އެގޮތުން އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީވެގެން ދާއިރު އެތަނުގައި ބޭންކުން ދެމުން އަންނަ ޚިދުމަތްތައް ތަރައްޤީކުރުމަށް ޒަމާނީ އޭޓީއެމް ސެންޓަރެއް އެއާޕޯޓްގައި އެބޭންކުން ވަނީ ޤާއިމްކޮށްފައެވެ. އަދި ހުޅުމާލޭގައި ތަރައްޤީ ކުރަމުންގެންދާ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަށްވެސް ފައިނޭންސް ކުރަމުން އަންނަ ކަމަށް އެބޭންކުން މަޢުލޫމާތު ދެއްވައެވެ.