ޚަބަރު

އިންޑިއާ ވިސާ ހޯދުމުގައި ހުރި ދަތިތަކަށް އަވަސް ހައްލެއް ލިބޭނެކަމުގެ ޔަޤީންކަން ދެއްވައިފި


އިންޑިއާ ވިސާ ހޯދުމުގައި ދިވެހިންނަށް ހުރި ދަތިތަކަށް އަވަސް ހައްލެއް ލިބޭނެކަމުގެ ޔަޤީންކަން ރާއްޖޭގެ ފޮރިން މިނިސްޓަރ ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދު ދެއްވައިފިއެވެ.

އދ.ގެ ޢާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިންނަށް އިންޑިއާ ވިސާ ލިބުމުގައި ދަތިތަކެއް ހުރިކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އިންޑިއާގެ ބޯޑަރުތައް ބަންދުކުރިފަހުން އެޤައުމުން ވިސާ ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ، ދިވެހިންނަށް އިންޑިއާ ވިސާ ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާކަމަށެވެ. އަދި މިކަމިގައި އަވަސް ހައްލެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

"ބޭސް ފަރުވާ ކުރުމަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވަމުންދާ ތަކުލީފުތައް އަޅުގަނޑަށް އެނގޭ. މިހާތަނަށްވެސް އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިއޮތުމުން، ދިވެހިންނަށް ވިސާދެމުން އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވާ ޚާއްސަ އުސޫލެއްގެ ދަށުން. މިހާރު ކުރިމަތިވެފައިވާ އުނދަގޫތަކަށް ހައްލެއް ހޯދުމަށް އަޅުގަނޑު މި އަންނަނީ މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރާ ވާހަކަދައްކަމުން. ވަރަށް އަވަހަށް ޙައްލެއް ލިބޭނެކަމަށް ޔަޤީން ކުރަން." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އިންޑިއާއަށްދާ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވާ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުންވެސް ކުރިން ވިދާޅުވެފައިވެއެވެ. އިންޑިއާއަށް ބޭސްފަރުވާއަށް ދާން ބޭނުންވާ ދިވެހިން ވިސާ ހޯދުމުގައި ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އެގޮތުން ވިސާ ހޯދުމަށް އިންޑިއާ ހައިކޮމިޝަން ކައިރީގައި ކޮންމެ ދުވަހަކުވެސް ބޮޑު ކިއުއެއް އޮވެއެވެ. ދިވެހިން ބޭސް ފަރުވާއަށް އެންމެ ގިނައިން ދާ ޤައުމަކީ އިންޑިއާއެވެ.