ކުޅިވަރު

އިދިކޮޅުގައި ރާއްޖޭއަށް ކުޅުނު ކުޅުންތެރިން ތިބުމުން ސަމާލުވާންޖެހޭ: ކެޕްޓަން


ލަންކާ ޓީމުގެ ބައެއް ކުޅުންތެރިން ނާއި ކޯޗް ރާއްޖެއަށް ފަރިތަވުމުން ރާއްޖެއިން ލަންކާ މެޗަށް ހާއްސަ ސަމާލްކަމެއް ދޭންޖެހޭކަމަށް ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ ބުނެފިއެވެ. އަބަދުވެސް ރާއްޖޭގެ ލީގުގައި ލަންކާގެ ކުޅުންތެރިން ކުޅެއެވެ. މިފަހަރުގެ އުދީރޫ ސާފް ޗެންޕިއަންޝިޕްގައި ވާދަކުރާ ޓީމުގައިވެސް ރާއްޖޭގެ މާހައުލަށް ހޭނިފައިވާ ކުޅުންތެރިން އެބަތިއްބެވެ.

ލަންކާގެ ކޯޗު އަލަގިޗަކީ ރާއްޖޭގެ ނިއުރޭޑިއަންޓަށް ކޯޗުކޮށްދީފައިވާ ކޯޗެކެވެ. އެޓީމުގެ ކެޕްޓަން އަދި ގޯލް ކީޕަރ ސުޖަން ޕެރޭރާ އަކީ ފަސް އަހަރު ރާއްޖޭގެ ކްލަބް އީގަލްސް އަށް ކުޅެ، ރާއްޖޭގެ ފުޓްބޯޅަ ސީޒަނެއްގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދާފައިވާ ކުޅުންތެރިއެކެވެ. އަދި އެންމެ ފަހުން އިންޑިއާއާ ދެކޮޅަށް ލަންކާ އެއްވަރުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޑިފެންޑަރު ޑަކްސަން ޕުސްލަސް އަކީ މިދިޔަ ސީޒަނުގައި ރާއްޖޭގެ ޓީސީ އަށް ކުޅުނު ކުޅުންތެރިއެއްވެ.

މެޗްގެ ކުރިން ވާހަކަދައްކަމުން ގައުމީ ޓީމުގެ ކެޕްޓަން އަކްރަމްބުނީ ލަންކާ ޓީމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކަށްވާނީ ރާއްޖޭގައި ކުޅެފައިވާ ކުޅުންތެރިން އެޓީމުގައި ތިބުންކަމަށެވެ. އަދި މިކުޅުންތެރިން ރާއްޖޭގެ މާހައުލަށްވެސް ވަރަށް ރައްޓެހިވާނެކަމަށްވެސް އަކްރަމް ބުންޏެވެ. އަދި މިމުބާރާތުގައި މިހާތަނަށް ކުޅެފައިވާ މެޗްތަކުންވެސް އެކަން ފެނިގެންދާކަމަށް އަކްރަމް ބުންޏެވެ. ނަމަވެސް ރާއްޖެއިން ލަންކާ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަމާއި ކުރަންޖެހޭ ހުރިހާކަމެއް މިހާރުކޮށް ނިމިފައިވާކަމަށެވެ. އަދި އުއްމީދު ކުރަނީ މާދަމާގެ މެޗުންވެސް ތިން ޕޮއިންޓް ހޯދައިގެން ފައިބަންކަމަށް ވެސް ކެޕްޓަން އަކްރަމް ބުންޏެވެ.

2013 ވަނަ އަހަރު ނޭޕާލްގައި ބޭއްވި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ވަނީ 10 ލަނޑު 0 ލަނޑުން ލަންކާ ބަލިކޮށްފައެވެ. އެންމެ ގަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގައި މިދެ ޓީމް ބައްދަލުކުރި މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.