ކުޅިވަރު

ގެއްލޭނެ އެއްޗެއް އޮތުމުން ޕްރެޝަރު ރާއްޖެއަށް - އަލަގިޗް


ލަންކާއަށް ގެއްލޭނެ އެއްޗެއް ނެތުމުން، މެޗްގައި ޕްރެޝަތު އޮތީ ރާއްޖެއަށްކަމަށް ލަންކާ ޓީމުގެ ކޯޗު ބޮސްނިއާގެ އާމިރް އަލަގިޗް ބުނެފިއެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ސްލީލަންކާއިން މިހާތަނަށް ތިން މެޗް ކުޅެފައިވާއިރު، އެޓީމަށް އަދިވެސް މެޗަކުން މޮޅެއް ހޯދިފައެއް ނުވެއެވެ. ފުރަތަމަ މެޗްގައި ބަންގްލަދޭޝް އަތުން ބަލިވިއިރު، ދެވަނަ މެޗްގައިވަނީ ނޭޕާލް އަތުން ބަލިވެފައެވެ. އަދި އެންމެ ފަހުން މިސަރަހައްދުގެ ވަރުގަދަ ބާރު އިންޑިޔާއާއި ވާދަކޮށް ވަނީ މެޗް އެއްވަރުކޮށްފައެވެ.

މިފަހަރުގެ ސާފް ޗެންޕިއަންޝިޕް ލީގް އުސޫލުން ކުޅޭއިރު، ލާންކާއަށް އެޓީމްގެ ފަހު މެޗްގައި ރާއްޖޭގެ މައްޗަށް ކުރި ހޯދައިގެންވެސް ފައިނަލަށް ދިއުމުގެ ދޮރު ވަނީ ބަންދުވެފައެވެ. ލީގް އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ލަންކާ ޓީމުގެ ކޯޗު އާމިރް އަލަގިޗް ބުނީ މިހާރު ލަންކާއަށް މުބާރާތުގައި ގެއްލޭނެ އެއްވެސް އެއްއެއްޗެއް ނެތްކަމަށާއި ހަމައެކަނި ބޭނުންވަނީ މޮޅަކުން މުބާރާތް ނިންމާލަން ކަމަށެވެ. މިމެޗުން މޮޅުވެގެން ރާއްޖެއަށް ފައިނަލާއި ހިސާބަށް ޖެހިލެވެން އޮތްއިރު، މެޗުން ބަލިވެއްޖެނަމަ، ރާއްޖެއަށް ގެއްލޭނެ އެއްޗެއްހި ވަރަށް ގިނަކަމަށްވެސް އަލަގިޗް ބުންޏެވެ. މިއާއެކު ރާއްޖެއަށް ވަރަށް ބޮޑު ޕްރެޝަރެއް އޮތްއިރު، މިޕްރެޝަރުގެ ފައިދާ ވަރަށް ބޮޑަށް ނަގާނެކަމަށް ލަންކާގެ ކޯޗް އާމިރް އަލަގިޗް ބުންޏެވެ.

އަލަގިޗް ބުނީ އެންމެ ފަހުން ރާއްޖެ އާއި ބަގްލަދޭޝް ކުޅުނު މެޗުން ރާއްޖެ މޮޅުވެފައި އޮތުމުން ރާއްޖޭގެ ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިފައިވާނެކަމަށާއި އެންމެ ބޮޑު އުނދަގުލަކަށްވާނީ ހޯމް ޓީމާއި އިދިކޮޅަށް ހޯމް ޓީމްގެ ސަޕޯޓަރުންނާއި އިދިކޮޅަށް ކުޅުންކަމަށެވެ. މިމުބާރާތުގައި ރާއްޖެ ކުޅުނު ދެ މެޗްގައިވެސް ދިވެހި ސަޕޯޓަރުންވަނީ ޓީމަށް ވަރަށް ބޮޑަށް ސަޕޯޓު ކޮށްފައެވެ. ނަމަވެސް އެންމެ ފަހުން ލަންކާއިން އިންޑިޔާއާއި އެއްވަރުކޮށްފައިވުމުން، ލަންކާ ޓީމުގެ ހިތްވަރުވެސް ދެރަނުވާނެކަމަށް އަލަގިޗް ބުންޏެވެ.

"ޕްރެޝަރުގައި ރާއްޖެ ކުޅޭއިރު އަހަރެމެންނަށް ފުރުސަތު ލިބޭނެ. ނޭޕާލުން އެ ކަންތައް ކުރި ގޮތަށް 90 މިނިޓް ތެރޭގައި އަހަރެމެންނަށް ލިބޭނެ ޕަންޗެއް ޖަހަން. އޭގެ ބޭނުން ހިފަންވީ. އިންޑިއާއާ ދެކޮޅަށް ކުޅުނު ގޮތަށް މެޗުގެ ކޮންޓްރޯލް އަހަރެމެން އަތުން ނުގެއްލި ކުޅެވޭތޯ ބަލާނީ މި ވަގުތު އަހަރެމެންނަށް ބޯޅަ ހިފެހެއްޓުން އެއީ މާ މުހިއްމު ކަމަކަށް ނުވާނެ. އިންޑިއާ އަކީ އަހަރެމެންގެ ނަޒަރުގައި އަދިވެސް އެންމެ ވަރުގަދަ ޓީމު. އިންޑިއާ އަކީ ސްޓާ ޓީމު އެކަމަކު ކޮންމެ ޓީމަކަށް ވެސް މައްސަލަތަކެއް ހުރެދާނެކަން އެ މީހުންގެ ކިބައިން އެބަ ފެނޭ. އަހަރެމެންނަށް ރާއްޖެ ކޮޅަށް ބޭނުމީ ފުރަތަމަ ގޯލެއް ޖަހާލުން އެ ހިސާބުން ފެށިގެން ދެން ކަންތައްތައް ފަސޭހަވެގެންދާނެ،" މެޗަށް އޮތް ޕްލޭނަށް އިޝާރާތްކޮށް އަލަގިޗް ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ލަންކާ ކޯޗް ބުނީ ރާއްޖެއިން ގާތްގާތުގައި މެޗްތައް ކުޅެން ޖެހުމުން ރާއްޖޭ ޓީމުގެ ދުވަސްވީ ކުޅުންތެރިން އަދި ރާއްޖޭގެ ޓީމްގެ އެންމެ ނުރައްކާތެރި ކުޅުންތެރިޔާ ޢަލީ އަޝްފާގް ފަދަ ކުޅުންތެރިންގެ ފިޓްނަސް މައްސަލަ ހުންނާނެކަމަށާއި ލަންކާއިން މިހުރިހާ ކަމެއްގެ ފައިދާ ނަގާނެކަމަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށް ގެންދަނީ ފަސް ގައުމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލުގައި ކުޅޭ ގޮތަށެވެ. މި ވަގުތު ތާވަލުގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާއެކު ނޭޕާލެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކު ބަންގްލަދޭޝްއެވެ. ތިން ވަނައިގައި ރާއްޖެ އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އިންޑިއާ އޮތީ ދެ މެޗުން ދެ ޕޮއިންޓާއެކުއެވެ. އަދި އެންމެ ފުލުގައި އޮތީ ތިން މެޗުން އެއް ޕޮއިންޓާ އެކު ލަންކާއެވެ.