ކުޅިވަރު

ފައިނަލަށް ދާން ބޭނުން، ލަންކާ މެޗް ފަސޭހަ ނުކުރާނަން - ސުޒޭން


އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ޕޮއިންޓް ތާވަލަށް ބަލާއިރު ޤައުމީ ޓީމު ލަންކާއާ ދެކޮޅަށް ކުޅޭ މެޗް ފަސޭހަނުވާނެކަމަށް ކޯޗު ޢަލީ ސުޒޭން ބުނެފިއެވެ. މިމުބާރާތުގައި މިހާތަނަށް ރާއްޖެއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ފުރަތަމަ މެޗްގައި ނޭޕާލް އަތުން ބަލިވެފައިވާއިރު، ދެވަނަ މެޗްގައި ބަންގްލަދޭޝްގެ މައްޗަށް ވަނީ ކުރި ހޯދާފައެވެ. މިއާއެކު ލީގް އުސޫލުން ކުޅޭ މިމުބާރާތުގައި ރާއްޖެއަށް ފައިނަލަށް ދިއުމުގެ ފުރުސަތުވަނީ ހުޅުވިފައެވެ. ފައިނަލަށް ދިއުމަށް ލަންކާ އަތުން 3 ޕޮއިންޓް ހޯދުން ރާއްޖެއަށް ވަރަށް މުހިންމެވެ.

މެޗްގެ ކުރިން ވާހަކަދައްކަމުން ގައުމީ ޓީމުގެ ކޯޗު ޢަލީ ސުޒޭން ބުނީ މެޗަށް ޓީމު ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށާއި ބަންގްލަދޭޝް މެޗަށްފަހު އެންމެ ބޮޑަށް ވިސްނާފައިވަނީ ޓީމުގެ ރިކަވަރީއަށްކަމަށެވެ. އަދި ބަންގްލަދޭޝް މެޗުން ލިބުނު 3 ޕޮއިންޓާއެކު ޓީމުގެ މޯޓިވޭޝަން ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ސުޒޭން ބުންޏެވެ. މިހާތަނަށް ރާއްޖެއިން މިމުބާރަތުގައި ދެ މެޗް ކުޅެފައިވާއިރު، ދެ މެޗްވެސް ކުޅެފައިވަނީ ރޭގަނޑުއެވެ. ސުޒޭންބުނީ ލަންކާއާއި ވާދަކުރާ މެޗް ހަވީރު ކުޅޭތީ ޓީމަށް ބަދަލްތަކެއް އަންނާނެކަމަށެވެ. ލަންކާއަތުން މޮޅުވެގެން ރާއްޖެއަށް ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮތްއިރު، ގައުމީ ކޯޗް ސުޒޭންބުނީ މާ ދުރަށް ވިސްނުމުގެ ބަދަލުގައި މެޗަކަށް ފަހު މެޗަކަށް ވިސްނުން މާ މުހިންމުކަމަށެވެ. އަދި މަދާމަ ހަވީރު ލަންކާއާއި ވާދަކުރާ މެޗް އެއްވެސް ވަރަކަށް ފަސޭހަކޮށްނުލާ ރާއްޖެއިން ނިކުންނާނީ މެޗުން މޮޅުވާންކަމަށެވެ.

"ކަލްކިއުލޭޝަންތަކެއް ހަދަން. އެ ގޮތަށް މިހާރު ވެސް ބަޔަކު ހިސާބު ޖަހައިފާނެ. އެހެން ނަމަވެސް މެޗަކުން މެޗަކުން ޕްލޭން ކޮށްލައިގެން މި ގޮތަށް ދިއުން ރާއްޖެ އަށް ވެސް އިންޑިއާ އަށް ވެސް އެންމެ ރަނގަޅުވާނީ. އިންޑިއާއާ ދެކޮޅަށް ލަންކާ އިން ޓެކްޓިކަލް ޕްލޭން ކާމިޔާބުކުރި. ވަރަށް މަސައްކަތުގެ ރޭޓް ރަނގަޅު ޓީމެއް. އެހެންވީމަ، ރާއްޖޭން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ. އެކަމަކު ރާއްޖޭގެ އެޓޭކިން އެހެން ޓީމުތަކާ ތަފާތު. އަޅުގަނޑުމެން މި މެޗުގައި 100 ޕަސެންޓް ދީގެން، ޕޮއިންޓްތައް ހޯދަން މަސައްކަތްކުރާނަން،" ސުޒޭން ބުންޏެވެ.

ގައުމީ ކޯޗް ސުޒޭން ވަނީ އެންމެ ފަހުން ރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރި މެޗުގައި ސަޕޯޓަރުން ދިން ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ. އަދި ކުރިއަށް އޮތް ލަންކާ މެޗްގައި ވެސް ހަމައެގޮތަށް ސަޕޯޓްކޮށްދިނުމަށް އެދިފައެވެ. އަދި މާދަމާގެ މެޗަށް ދަނޑަށް ވަންނަން ބޭނުންވާ އެންމެންނަށް ދަނޑަށް ނުވަދެވުނަސް، އެންމެވެސް ޓީމުގެ ފަހަތުގައި ތިބުމަށް ސުޒޭންވަނީ އެދިފައެވެ. އަދި ގައުމީ ޓީމުން ސަޕޯޓަރުން މާޔޫސްވިޔަ ނުދޭނެކަމަށްވެސް ސުޒޭން ބުންޏެވެ.

އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއާއި ލަންކާ ވާދަކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4 ޖަހާއިރުއެވެ. މިމެޗް ޕީއެސްއެމްގެ ޔެސް ޓީވީއިން ވަގުތުން ގެނެސްދޭނެއެވެ. އަދި ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.