ޚަބަރު

ޗައިނާގެ ވެރިކަމުގެ ދަށަށް ތައިވާން ގެންނަވާނެކަމަށް ޝީ ވަޢުދުވެވަޑައިގެންފި


ޗައިނާގެ ވެރިކަމުގެ ދަށަށް ތައިވާން ގެންނަވާނެކަމަށް އެ ޤައުމުގެ ރައީސް ޝީ ޖިންޕިން ވަޢުދުވެވަޑައިގެންފިއެވެ.

1911ވަނަ އަހަރުގެ ތެރޭގައި ޗައިނާގައި އޮތް ރަސްކަމާ ދެކޮޅަށް ފެށި ޝިންހާއި އިންޤިލާބަށް 110 އަހަރުފުރުން ފާހަގަކުރުމަށް ވެރިރަށް ބެއިޖިންގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝީ ވިދާޅުވީ ޗައިނާގައި އޮންނަނީ ވަރަށް ފަޚްރުވެރި ތާރީޚެއްކަމަށާއި ވަކިވެގަތުމަކީ ޗައިނާއިން ޤަބޫލުކުރާނެ ސިޔާސަތެ ނޫންކަމަށެވެ. އަދި އެއްވެރިކަމެއްގެ ދަށުގައި ޗައިނާގެ ހުރިހާ ސަރަޙައްދެއް އޮތުމަށް އެންމެ ހުރަހަކަށްވަނީ ތައިވާނުން ވަކިވެގަތުމަށް ކުރަމުންދާ މަސައްކަތްކަން ފާހަގަކުރައްވަމުން ޝީވަނީ އެ ކަމުގެ ނުރައްކާތެރިކަމާމެދު ވާހަކަދައްކަވައިފައެވެ. އެ ގޮތުން ޝީވަނީ ޗައިނާގެ ވެރިކަމުގެ ދަށަށް ތައިވާން ގެންވަނާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި އެއްވެސް ބަޔަކު ޗައިނާ ރައްޔިތުންގެ ޤަބޫލުކުރުންތަކާ ޚިލާފަށް އެއްވެސް ކަމެއްކޮށް ޤައުމުން ބައެއް އުނިކުރުމަށް މަސައްކަތްނުކުރުމަށް އޭނާވަނީ ގޮވާލައްވައިފައެވެ.

ޗައިނާގެ ސަރަޙައްދެއްގެ ގޮތުގައި ތައިވާން އޮތް ނަމަވެސް އެ ޤައުމަކީ ވަކިވެރިކަމެއް އޮންނަ ޤައުމެކެވެ. އަދި އެ ޤައުމުން ޗައިނާއާ ޚިލާފަށް ހުޅަނގާ ގާތްގުޅުންތަކެއް ބާއްވައެވެ. ތައިވާނުގެ ކުރިމަގު ކަނޑައަޅާނީ އެ ޤައުމުގެ ރައްޔިތުންކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.