ސިޔާސީ

ރައީސް ނަޝީދުގެ ނިންމެވުމަށް ސަރުކާރުން މަރުޙަބާ ވިދާޅުވެއްޖެ


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވުމާއި ގުޅިގެން ކޯޓުން އިއްވަވާފައިވާ 13 އަހަރުގެ ޙުކުމް އިސްތިއުނާފް ކުރެއްވުމަށް ނިންމެވުމާއި ގުޅިގެން އެކަމަށް ސަރުކާރުން މަރުޙަބާ ވިދާޅުވެއްޖެއެވެ.ދިވެހިރާއްޖޭގެ ޚާރިޖިއްޔާ އިން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގައި ނަޝީދުގެ ޙުކުމް އިސްތިއުނާފް ކުރެއްވުމަށް ނިންމެވުމާއި ގުޅިގެން އެކަމަށް މަރުޙަބާ ވިދާޅުވާ ކަމަށާއި ޤާނޫނީ އިމުގެ ތެރެއިން ނަންގަވާ ކޮންމެ ފިޔަވަޅަކަށް ސަރުކާރުން ތާއީދުކުރައްވާނެކަމަށެވެ.ސުޕްރީމް ކޯޓާއި އެހެން އިސްތިއުނާފީ ކޯޓުތަކަކީ ނަޝީދަށް އިއްވާފައިވާ ހުކުމާއި ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ވަކާލާތު ކުރަން އެންމެ އެކަށީގެންވާ ތަންތަން ކަމަށާއި އެކޯޓުތަކަކީ މިނިވަންކޮށް ހިނގާނެ ތަންތަން ކަން ސަރުކާރުން ކަށަވަރު ކޮށްދެއްވާ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި  ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ޤާނޫނީ އެއްވެސް ހައްގެއް ނުވަތަ ފުރިހަމަ ކުރަންޖެހޭ އެއްވެސް އިޖުރާއަތެއް ފުރިހަމަ ކުރުމަށް ހުރަސް އަޅުއްވާފައި ނުވާނޭ ކަމަށެވެ. މީގެ އިތުރުން ނަޝީދުގެ މައްސަލަ ބެއްލެވުމަށް ޖުޑީޝިއަރީ އިން ހުރަސް އަޅާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވެސް ޚާރިޖިއްޔާ އިން ވަނީ ދޮގުކުރައްވާފައެވެ.