ޚަބަރު

އަފްޣާނިސްތާނުގެ މައްސަލާގައި އެމެރިކާގެ ވަފުދެއް ޕާކިސްތާނަށް


އަފްޣާނިސްތާނުގެ މައްސަލާގައި އެމެރިކާގެ ވަފުދެއް ޕާކިސްތާނަށް ޒިޔާރާތްކޮށް މަތީފަންތީގެ މަޝްވަރާތަކެއް ކޮށްފިއެވެ.

އަފްޣާނިސްތާނުގެ މައްސަލާގެ އިތުރުން ޚާރިޖީ ގުޅުމާއި ސަރަޙައްދީ ހަމަޖެހުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު ވެންޑީ ޝާމަންވަނީ ޕާކިސްތާނަށް ވަޑައިގަންނަވައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރައިޝީއާ ބައްދަލުކުރައްވައިފައެވެ. ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބައްދަލުވުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާން ޖަމާޢަތުން އައިސްފައިވާ ދަނޑިވަޅެއްގައި ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރެވޭނެ ގޮތްތަކެއް ދެނެގަތުމަށްކަމަށެވެ. އެ ގޮތުން އަފްޣާނިސްތާނުގެ ސިޔާސީ މައިދާނުގައި އެންމެންގެ ބައިވެރިވުން އޮތުން މުޙިއްމުކަމަށް ޤުރައިޝީ ވިދާޅުވިކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާގެ އިސް ވަފުދެއް ޕާކިސްތާނަށް ވަޑައިގެންފައިވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ޠާލިބާނުންނާ ގުޅުން ބަދަހިކުރުމަށް އެ ޤައުމުގެ އިސްވެރިން ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ. އަދި އެމެރިކާއިން ހިފަހައްޓާފައިވާ އަފްޣާނިސްތާނުގެ މުދަލާއި ފައިސާ ދޫކޮށްލުމަށް ޕާކިސްތާނުންވަނީ ތަކުރާރުކޮށް ގޮވާލައިފައެވެ. އަފްޣާނިސްތާނުގެ ޤައުމީ ބަޖެޓަށް ބޭނުންވާ ފައިސާގެ 80 އިންސައްތަ ހަމަޖައްސަނީ ބޭރު ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ފޯރުކޮށްދޭ މާލީ އެހީންނެވެ.